03 Apr 2020, 23:23
މާލެ ސިޓީގައި ކާފިއު ހިންްގަން ފެށިތާ ދެވަނައަށް ވީދުވަހު، ކާފިއުއާ ހިލާފަށް މަގުމަތީިގައި އުޅުނު މީހުންގެ އަދަދު ވަނީ ފުރަތަމަ ދުވަހަށް ވުރެ ތިން ގުނަ އިތުރުވެފައެވެ. ފުރަތަމަ ދުވަހު ކާފިިއު ވަގުތުގައި ބޭރުގައި އުޅެގެން 95 މީހަކަށް ނަސޭހަތް ދީފައިވާއިރު، މިއަދު 284 މީހަކަށް ނަސޭހަތް ދޭންޖެހުނެވެ.
ދެ ދުވަހުން 379 މީހަކު މަގުމަތިން ހިފަހައްޓައި ނަސޭހަތް ދޭން ޖެހުނު އިރު އޭގެ ތެރެއިން 333 މީހުންނަކީ ދިވެހިންނެވެ.
މިކަމާ ގުޅިގެން ކޮވިޑް19 އާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ. މަބްރޫކް ވިދާޅުވީ މިއީ ވަރަށް ދެރަ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންނާ ތިބޭފުޅުން ކުރާ ސުވާލަކީ ކީއްވެހޭ ގަޑިކޮޅު މަދުކުރީ، އެކަމު މިވަރު ގަޑިކޮޅެއްގެ ތެރޭގައި އިތުރުވާވަރު މި ދަންނަވަނީ،" މަބްރޫކް ވިދާޅުވިއެވެ.
ކާފިއުއާ ހިލާފުވި މީހުން މިއަދު ބޮޑުތަނުން އިތުރުވެފައިވާއިިރު މަބްރޫކް ވަނީ މީހުންގެ ވިސްނުން ހުންނަގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
"އަޅުގަނޑު ދަންނަ ބައެއް މީހުން ވެސް ބުނޭ، އެންމެން ވެސް އުޅެނީ އޭ. ތިމަންނަ އެކަނި އުޅެގެން ކީއްހޭ ވަނީ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް އަޒީޒް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މަބްރޫކް ވަނީ ވައިރަސް އެއް ތަނުން އަނެއް ތަނަށް ގެންދަނީ އިންސާނުން ކަން ހަނދާކޮށްދެއްވައިފައެވެ. އަދި ކޮންމެ މީހަކު ވެސް އަނެއް މީހާ ނުކުންނާތީ އޭ ކިޔާފައި ބޭރަށް ނުކުންނަން ވެއްޖެނަމަ، އެންމެންގެ ތެރޭގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ކާފިއުއާ ހިލާފުވެ ހެދިފައިވާ ގަވާއިދުތައް "ބްރޭކް" ކުރުމުގެ ބަދަލުގައި ބަލި ފެތުރެން މެދުވެރިވާ "ޗެއިން ބްރޭކް" ކުރުމަށް އެހީތެރިވެ، އިތުރު ބަޔަކަށް ބަލި ޖެހުމުން ސަލާމަތް ކޮށްދޭ މީހަކަށް ތިމާ ވުމަށް މަބްރޫކް އިލްތިމާސް ކުރެއްވިއެވެ.
"ފުރަތަމަ ވާހަކައަކީ މިހާރު ކޮންމެ ގޮތަކުން ބެލިޔަސް ވެސް ޗޭނު ބްރޭކް ކުރުން، ވާހަކައަކީ އިތުރު ބަޔަކަށް މި ބަލި ޖެހުމުން ސަލާމަތް ކޮށްދޭ މީހަކަށް ތިމާ އަމިއްލައަށް ވެވިދާނެ. މިހާރު ކޮންމެ މީހެއްގެ ކިބައިން ތިން މީހުންނަށް، އެއިން ކޮންމެ މީހެއްގެ ކިބައިން ތިން މީހުންނަށް އެހެންވީމަ މިހާރު ވެސް ނުވައެއް ވީ. މިގޮތަށް ގޮސް ގިނަ ބަޔަކަށް ބަލި މި ޖެހެނީ،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ގޭގައި މަޑުކުރުމުގެ ސަބަބުން، އެ ސަލާމަތް ކުރެވެނީ ބޭރު ތެރެއިން ދިމާވާ މީހުން އެކަނި ނޫން ކަމަށާއި، އޭރުން އެ ސަލާމަތް ކޮށްދެވެނީ އަމިއްލަ އާއިލާ ކަމަށެވެ.
"އެހެންވީމަ އެހެން މީހަކު އުޅެޔޭ ތިމަންނަ ކީއްކުރަންހޭ ވަކި ގޮތަކަށް އުޅެންވީ އެ ވިސްނުމުގެ ޖަވާބަކީ ހަމަ ޔަގީނުން ވެސް އެކަން ކުރީމަ މި ކަށަވަރުކޮށްދެވޭ އަމިއްލަ ގެ، އަމިއްލަ އާއިިލާ ސަލާމަތް ކޮށްދެވޭކަން،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނީ ހުރިހާ ދިވެހިން މަޑުޖެހިގެން ކަމަށެވެ. އަދި ބަލި ފެތުރުން ލަސްކުރެވޭ ނަމަ، އައިސީޔޫގައި އެއް ފަހަރާ އެޑްމިޓް ކުރަންޖެހޭ މީހުން މަދުވެ، ފަރުވާ ދޭން އެކަށީގެންވާ އަދަދަކަށް ޑޮކްޓަރުން ވެސް ތިބޭނެ ކަމަށެވެ. އެހެން ނަމަވެސް ވިސްނާ ނުލާ ކަންކަން ކުރާ ބަޔަކަށް ވެއްޖެނަމަ އެއްފަހަރާ އެންމެނަށް ބަލި ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޖެހިއްޖެއްޔާ 200، 300 އެއް ނޫން ހަތަރު ލައްކަ ވެންޓިލޭޓަރު ގެނެސްގެން ތިބެންޖެހޭނީ. އެހެންވީމަ އެހެން ވިޔަ ނުދޭން މަސައްކަތް ކުރުން އެއީ މުހިންމު ކަމަކީ،" މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން އިއްޔެ އިން ފެށިގެން މާލޭ ސިޓީގައި ވަކި މުއްދަތެއް ނެތް ގޮތަށް ކޮންމެ ދުވަހަކު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ކާފިއު ހިންގަން ވަނީ ނިންމާފައެވެ.
ފުުލުހުން މީގެކުރިން ބުނެފައިވާ ގޮތުގައި، ކާފިއު ވަގުތުގައި މަގުމައްޗަށް ނުކުންނަ ފަރާތްތަކަށް ނަސޭހަތް ދީ އެކަން ތަކުރާރު ވާނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެޗްޕީއޭގެ އެންގުމާ އެއްގޮތަށް ކާފިއު ނޫން ގަޑިތަކުގައި ގުރޫޕު ހަދާފައި ތިން މީހުންނަށްވުރެ ގިނައިން ބޭރުގައި އުޅޭ މީހުންވެސް ނަސޭހަތް ދިނުމަށްފަހު ތަކުރާރުވާނަމަ، ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.