އޯ ނެގެޓިވް ލެ އާއި ބީ ނެގެޓިވް ލޭ ހަދިޔާ ކޮށްދިނުމަށް މޯލްޑިވަސް ބްލަޑް ސާވިސް (އެމްބީއެސް) އިން އެދިއްޖެ އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ލޭ ލިބުން ދަތިވެފައިވާ މި ދަނޑިވަޅުގައި ހާއްސަކޮށް އޯ ނެގެޓިވް ލެ އާއި ބީ ނެގެޓިވް ލޭ ހުރި ފަރާތްތަކުން ލޭ ހަދިޔާކޮށްދިނުމަށް މޯލްޑިވްސް ބްލަޑް ސާވިސް އިން އެދިފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އިން ދެން ލޭ ހަދިޔާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"މިކަމުގައި އެހީތެރިކަން ދިނުމަށް އެދިވަޑައިގެންފައިވޭ ހާއްސަކޮށް އޯ ނެގެޓިވް ލޭ އަދި ބީ ނެގެޓިވް ލޭ ހުންނަވާ ބޭފުޅުން އެހީތެރިކަން ފޯރުކޮށް ދިނުމަށް،" ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ތެލްސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެގެން ލޭ ދިނުމަށް މޯލްޑިވްސް ބްލަޑް ސާވިސް އިން އިލްތިމާސް ކުރުމުން ގިނަ ބަޔަކު ވަނީ ލޭ ހަދިޔާކޮށްފަ އެވެ. އެއީ އެކު ހަފްތާއަކަށް ބޭނުންވާ ވަރަށް ލޭ ލިބިފައިވާ ކަމަށް އެމްބީއެސް އިން ވަނީ މިދިޔަ މަހުގެ 23 ގައި ބުނެފަ އެވެ.