15 Dec 2011, 16:14
ރާއްޖޭގެ އެހެން ޖަމިއްޔާތަކެކޭ އެއްފަދަ އިން ނައިފަރުގެ ޖުވެނައިލް ޖަމިއްޔާ އަށް ވެސް އެންމެ ފުރިހަމަ ގޮތެއްގައި އެއްބާރުލުން ދީފައިވާނެ ކަމަށް ބޭންކް އޮފް މޯލްޑިވެސް (ބީއެމްއެލް)އިން ބުނެފި އެވެ.
ޖުވެނައިލް ޖަމިއްޔާއާ އެކު ބޭންކިން މުއަމަލާތް ހުއްޓާލުމަށް ބީއެމްއެލް އިން ނިންމި ނިންމުން ކުށްވެރިކޮށް ރާއްޖޭގެ އެންޖީއޯ ފެޑެރޭޝަން އިން އިއްޔެ ނެރުނު ބަޔާނާ ގުޅިގެން ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖުވެނައިލް ޖަމިއްޔާ އިން މިހާތަނަށް ހިންގި ހުރިހާ ޕްރޮޖެކްޓަކަށް ވެސް އެއްމެ ފުރިހަމަ ގޮތެއްގައި އެހީތެރިވި ބޭންކަކީ ބީއެމްއެލް ކަމަށެވެ.
އަދި ބޭރުގެ ފަރާތްތަކާ ގުޅިގެން އެ ޖަމިއްޔާ އިން މިހާރު ކުރިއަށް ގެންދާ ޕްރޮޖެކްޓަށް ވެސް ބީއެމްއެލް އިން އެއްބާރުލުން ދޭކަން އަންގާފައިވާނެ ކަމަށާއި އެ ޖަމިއްޔާގެ ފަރަތުން ރާއްޖޭގެ ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ދައްކާނެ އިންތިޒާމް ހަމަޖައްސައި ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ބޭންކް މެދުވެރިކޮށް ދެއްކޭނެ ފުރިހަމަ އިންތިޒާމް ހަމަޖައްސައި ދޭނެ ކަމަށް އަންގާފައި ވާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
މީގެ އިތުރުން ރާއްޖޭގެ އެހެން ޖަމިއްޔާތަކަށް ވެސް ވީ އެންމެ ރަނގަޅަކަށް އެއްބާރުލުންދީ އެހީތެރިވުމުގައި ބީއެމްއިލް އިން ސާބިތުކަމާ އެކު ދެމިއޮންނާނެ ކަމަށް ވެސް ބީއެމް އެލް އިން ބުނެ އެވެ.
ނަމަވެސް ރާއްޖޭގެ އެންޖީއޯ ފެޑެރޭޝަން އިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޖުވެނައިލްގެ ހައްގެއް ހޯދުމަށް ކޯޓުގައި ދައުވާ ކުރުމުން ބީއެމްއެލް އިން އެ ޖަމިއްޔާ އާ މުއާމަލާތް ކަނޑާލުމުން އެ ޖަމިއްޔާ އިން ކުރިއަށްގެންދާ ތިން ޕްރޮޖެކްޓަކަށް ވަރަށް ބޮޑު ހުރަހެއް އެޅުނު ކަމަށެވެ. އަދި ބޭރުގެ ހިލޭ އެހީގެ ދަށުން ހިންގޭ އެކަހަލަ ޕްރޮޖެކްޓްތަކަކީ ވަކި މުއްދަތެއްގެ ތެރޭގައި ނިންމައި އެ ޕްރޮޖެކްޓެއްގެ ރިޕޯޓް ހުށަހަޅަން ޖެހޭ ޕްރޮޖެކްޓްތަކަކަށްވީ ހިނދު ބޭންކުގެ އެ ނިންމުމުގެ ސަބަބުން އެހީ ދޭ ފަރާތްތަކުން ޖަމިއްޔާތަކަށް އޮންނަ އިތުބާރު ކުޑަވާނެ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.