03 Apr 2020, 22:14
ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން އެކި ކަރަންޓީނު ފެސިލިޓީތަކަށް ލާފައިވާ މީހުންގެ ތެރެއިން 14 ދުވަސް ކަރަންޓީނުގެ މުއްދަތު ހަމަކޮށްފައިވާ 49 މީހަކު މިއަދު ދޫކޮށްލުމަށް ޓެސްޓު ހަދައިފި އެވެ.
ނޭޝަނަލް ރެސްޕޮންސް ސެންޓަރުގައި ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ ޓެސްޓު ހަދާފައިވާ 49 މީހުންގެ ތެރެއިން ނެގެޓިވް ވާ ފަރާތްތަކުން ދޫކޮށްލާނެ ކަމަށެވެ.
"އޭގެތެރެއިން ﷲ އިރާދަފުޅުން ޓެސްޓުތައް ނެގެޓިވް ކަމަށް ވަންޏާ 49 މީހުން ދޫކޮށްލެވޭ ގޮތަށް އޮތީ،" މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ޓެސްޓު ހަދައި ނެގެޓިވް ވާ ފަރާތްތަކުން މާލެ ގެންދިޔުމުގެ ކުރިން އާއިލާތަކަށް އަންގާނެ ކަމަށެވެ. އަދި އާއިލާތަކުން އެކަކު، އެމީހަކު ބަލައި އައުމަށްވެސް މަބްރޫކު ވިދާޅުވިއެވެ
ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 881 މީހުން ތިބި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ކަރަންޓީނު ފެސިލިޓީތަކުގައި 14 ދުވަސް ހަމަކުރުމަށްފަހު ވައިރަސް އަށް ނެގެޓިވްތޯ ޓެސްޓު ކުރާނީ 15 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު ނަތީޖާ ލިބުމުން ކަރަންޓީނު ފެސިލިޓީއިން ގެއަށް ބަދަލުކުރެވޭނެއެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވެފައިވާ ދެ މީހަކު އިއްޔެ ދޫކޮށްލާފައިވާ ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ. އެ ދެމީހުންނަކީ ސޭންޑީޒް ބަތަލާގައި ތިއްބާ ވައިރަހަށް ޕޮޒިޓިވްވި ދެމީހުންނެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް 15 ބިދޭސީއަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން މިހާރު ދޫކޮށް ނުލާ ހުރީ އިޓަލީގެ ފަތުރުވެރިއެއް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އެ މީހާގެ ފުރަތަމަ ސާމްޕަލް ނެގެޓިވް ވެފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އަދި ދެ ހަފްތާ ފަހުން އެނާ ޓެސްޓް ކުރުމަށް ފަހު ނެގެޓިވް ވެއްޖެ ނަމަ ދޫކޮށްލާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.
ފަނަރަ ބިދޭސީންގެ އިތުރުން އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސެއް ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އެ މީހުނަށް ފަރުވާ ދެމުން އަންނައިރު ހަތަރު މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.