03 Apr 2020, 21:28
ކޮރޯނާވައިރަސް ނުވަތަ ކޮވިޑް19އާ ގުޅިގެން އިއުލާން ކުރަން ފެށި ކާފިއު ވަގުތުތަކުގައި މިހާތަނަށް ބޭރަށް ނުކުމެ އުޅުނު 379 މީހަކަށް ފުލުހުން ނަސޭހަތް ދީފައިވާ ކަމަށާއި މާދަމާ އިން ފެށިގެން ޖޫރިމަނާ ކުރާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން އިއްޔެ އިން ފެށިގެން މާލޭ ސިޓީގައި ވަކި މުއްދަތެއް ނެތް ގޮތަށް ކޮންމެ ދުވަހަކު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ކާފިއު ހިންގަން ވަނީ ނިންމާފައެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ރެސްޕޮންސް ސެންޓަރު (އެންއީއޯއާރުސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، މިއަދު ކާފިއު ވަގުތުގައި ބޭރަށް ނުކުމެ އުޅުނު 284 މީހަކަށް ފުލުހުން ނަސޭހަތް ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެއިިން 194 މީހަކު، ހުޅުމާލެއިން 67 މީހާކާއި ވިލިމާލެއިން 25 މީހަކެވެ.
އިއްޔެ މާލޭ ސިޓީން ނާސޭހަތް ދިން މީހުންގެ އަދަދަކީ، 95 މީހުންނެވެ. މަބްރޫކު ވިދާޅުވީ، އޭގެ ތެރޭގައި މާލެއިން 75 މީހުން، ހުޅުމާލެއިން 11 މީހަކު އަދި ވިލިމާލެއިން ނުވަ މީހަކު ކަމަށެވެ.
"އަޅުގަނޑުމެންނާ ތިބޭފުޅުން ކުރާ ސުވާލަކީ ކީވެއްހޭ ވަގުތުކޮޅު މަދު ކުރީ. އެކަމަކު މިވަރު ގަޑިކޮޅެއްގެ [މަގުތަކަށް ނުކުންނަ މީހުން] އިތުރުވާ މިންވަރު މިއީ،" ދެދުވަސްތެރޭ ކާފިއު ވަގުތުގައި މީހުން ނުކުންނަ އަދަދު އިތުރުވާކަން ފާހަގަކޮށް މަބްރޫކު ވިދާޅުވިއެވެ.
ޖުމްލަ މީހުންގެ ތެރެއިން 333 މީހުންނަކީ ދިވެހިން ކަމަށް މަބްރޫކު ވިދާޅުވިއެވެ.
"ފުލުހުން ވިދާޅުވަނީ މާދަމާ އިން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށް،" މަބްރޫކު ވިދާޅުވިއެވެ.
ފުުލުހުން މީގެކުރިން ބުނެފައިވާ ގޮތުގައި، ކާފިއު ވަގުތުގައި މަގުމައްޗަށް ނުކުންނަ ފަރާތްތަކަށް ނަސޭހަތް ދީ އެކަން ތަކުރާރު ވާނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެޗްޕީއޭގެ އެންގުމާ އެއްގޮތަށް ކާފިއު ނޫން ގަޑިތަކުގައި ގުރޫޕު ހަދާފައި ތިން މީހުންނަށްވުރެ ގިނައިން ބޭރުގައި އުޅޭ މީހުންވެސް ނަސޭހަތް ދިނުމަށްފަހު ތަކުރާރުވާނަމަ، ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިހާތަނަށް ރާއްޖެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވަނީ 19 މީހެކެވެ. އޭގެ ތެރޭގައި މިވަގުތު ރާއްޖޭގައި ތިބީ، 17 މީހެކެވެ. އެމީހުންގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފައެވެ. ރަނގަޅުވި މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ ދެ ފަތުރުވެރިޔަކު މިރޭ ފުރާނެ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ. މިހާރު ވައިރަހަށް ފަރުވާދެމުން ދަނީ، އިނގިރޭސީވިލާތުން އައި ހަތަރު ދިވެއްސަކަށެވެ.