ކޮރޯނާވައިރަސް ނުވަތަ ކޮވިޑް19އާ ގުޅިގެން އަވަށްޓެރި ސްރީލަންކާގައި އިއުލާން ކުރަން ފެށި ކާފިއުއާ ހިލާފުވެގެން މިހާތަނަށް 11،000އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް، 2،500 އަށް ވުރެ ދުއްވާ އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

ލަންކާގެ އެކި ސަރަހައްދުތަކަށް ކާފިއު އިއުލާން ކުރަން ފެށީ މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.

ލަންކާގެ ފުލުހުންނާ ހަވާލާދީ ޑެއިލީމިރާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ކާފިއު ހިންގި ގަޑިތަކުގައި ބޭރަށް ނުކުމެގެން 11،019 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި 2،727 ދުއްވާ އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޑެއިލީ މިރާ އިން ބުނެއެވެ.

ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ލަންކާގެ ވެރިރަށް ކޮލޮމްބޯއާއެކު ބައެއް ހައި ރިސްކު ބައެއް ސަރައްހަދު ތަކަށް މިމަހު އެކަކުން ފެށިގެން އަންނަ ހޯމަ ދުަވަހާ ހަމައަށް ވަނީ ކާފިއު އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ކެންޑީ، ގަމްޕަހަ، ކަލުތަރަ، ޕުއްޓަލަމް އަދި ޖަފްނާ ހިމެނެއެވެ. އެ ނޫން ސަރަހައްދުތަކަަށް ކާފިއު އިއުލާން ކުރަނީ މެންދުރު 2:00 އިން ފެށިގެން ހެނދުނު 6:00 އަށެވެ. އަދި ޒަރޫރީ ހިދުމަތެއް ދިނުމަށް ފިޔަވާ އިތުރު ބޭނުންތަކަށް އެއް ސަރައްހަދުން އަނެއް ސަރަހައްދަށް ދަތުރުކުރުންވެސް އެގައުމުން ވަނީ މާނާކޮށްފައެވެ.

ލަންކާގައި ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ސްކޫލުތަކާއި ޔުނިވާސިޓީތައް ބަންދުކޮށް، އެގައުމަށް ވައިގެ މަގުންނާއި ކަނޑު މަގުން މީހުން އެތެރެވުން މުއްދަތެއް ނެތް ގޮތަށް މަނާކުރުން ހިމެނެ އެވެ.

މިއަދު ލަންކާއިން ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހާއެކު މަރުވި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރާފައެވެ. ވައިރަހަށް ޕޮޒިޓިވްވެފައިވަނީ، 152 މީހުންނެވެ. އޭގެ ތެރެއިން ބަލި ހާލަތު ސީރިއަސް ފަސް މީހުން ތިބި އިރު، ވައިރަހުން ރަނގަޅުވި މީހުންގެ އަދަދަކީ، 24 އެވެ.

ލަންކާގައި ކާފިއުއާ ހިލާފުވެގެން 11،000 އަށްވުރެ ގިނަ މީހުން ހައްޔަރު ކުރި އިރު، އިއްޔެ އިން ފެށިގެން މާލޭ ސިޓީގައިވެސް ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އަށް އަންނަނީ ކާފިއު އިއުލާން ކުރަމުންނެެވެ. އިއްޔެ ކާފިއުއާ ހިލާފުވެގެން 95 މީހަކަށް ވަނީ ނަސޭހަތްދީފައެވެ. ރާއްޖޭގައި އަމަލު ކުރަމުންދާ ގޮތަކީ، ނަސޭހަތް ދިނުމަށްފަހު، ތަކުރާރުވާނަމަ، 1،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ. އަދި މިހާތަނަށް ރާއްޖެއިން އެއްވެސް މީހަކު ޖޫރިމާނާ ނުކުރެއެވެ.

މިހާތަނަށް 204 ގައުުމަކުން އެއް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. ދެއްލަކައަށްވުރެ ގިނަ މީހުން ވައިރަހުން ރަނގަޅުވި އިރު، 55,780 މީހުން ވަނީ މަރުވެފައެވެ.