ތިން ރަށަކަށް ރައްކާތެރި ބޯފެން ފޯރުކޮށް ދިނުމަށް 155 މިލިޔަން ރުފިޔާގެ މަޝްރޫއެއް ފެށުމަށް ސަރުކާރުން ޔޫއެންޑީޕީއާއެކު އެއްބަސްވެއްޖެ އެވެ.

ހއ. އިހަވަންދޫ އާއި އދ. މަހިބަދޫ އާއި ގދ. ގައްދޫއަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުގެ މި މަޝްރޫގައި ސަރުކާރުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ ޔޫއެންޑީޕީ އިންޗާޖް ސަނަކާ ސަމަރަސިންހާ އެވެ. ސޮއިކުރުން އޮތީ މިއަދު ހެނދުނު ހައުސިން މިނިސްޓްރީގަ އެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ޝަރީފް މިއަދު ވިދާޅުވީ، ސަރުކާރުން ވެސް ފައިދާ ހޭދަކުރާ މަޝްރޫއަށް އެހީ ވަނީ އެޑޮޕްޓޭޝަން ފަންޑުން ކަމަށާއި އެ ފަންޑުން 8.3 މިލިއަން ޑޮލަރު ހަރަދު ކުރާނެ ކަމަށެވެ.

އެޑްޕްޓޭޝަން ފަންޑް ޕްރޮގްރާމަކީ ޔުނައިޓެޑް ނޭޝަން ކްލައިމެޓް ނެގޯޝިއޭޝަން ތެރެއިން އުފެދިފައި އޮންނަ ފަންޑެކެވެ. މިއީ މި ފަންޑުގެ އެހީގައި ރާއްޖޭގައި މަޝްރޫއެއް ހިންގާ ފުރަތަމަ ފަހަރެވެ.

ޝަރީފު ވިދާޅުވީ 2015 އަށް ނިންމަން ޖެހޭ މަޝްރޫ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމޭނެ ކަމަށައި ވަރަށް އަވަހަށް އަމަލީ މަސައްކަތް ފަށައި މި މަޝްރޫން ލިބޭ ތަޖުރިބާގެ އަލީގައި އެހެން ރަށްރަށުގައި މިކަން ކުރިޔަށް ގެންދާނެ ކަމަށެވެ.