ފެޝަން ކަލަންޑަރުގައި ހިމެނޭ އެންމެ ބޮޑު އިވެންޓް މެޓް ގާލާ 2020 ފަސްކޮށްފި އެވެ.

ގިނަ އަދަދެއްގެ ސެލެބްރިޓީން ބައިވެރިވެގެން ކުރިއަށް ގެންދާ މެޓް ގާލާ ފަސްކޮށްފައި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެންނެވެ. މެޓް ގާލާ ފަސްކުރިއިރު މި އިވެންޓް ދެން ބާއްވާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެ އެވެ. މެޓް ގާލާ އަކީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ ފުރަތަމަ ދުވަހު ބާއްވާ އިވެންޓެކެވެ.

މި އަހަރުގެ މެޓް ގާލާގެ ޝިއާރަކީ "އަބައުޓް ޓައިމް: ފެޝަން އެންޑް ޑިއުރޭޝަން" އެވެ. މެޓް ގާލާ އަކީ މެޓްރޯޕޮލިޓަން މިއުޒިއަމް އޮފް އާޓްގެ ދަ ކޮސްޓިއުމް އިންސްޓިޓިއުޓްއަށް ހާއްސަކޮށްގެން ބާއްވާ އިވެންޓެކެވެ.

މި އަހަރުގެ މެޓް ގާލާ މުއްދަތެއް ނެތް ގޮތަށް ފަސްކުރި އިރު މި އަހަރު ބާއްވަން ގަސްތުކޮށްފައިވާ ގިނަ އިވެންޓްތަކެއް ވެސް ވަނީ މުއްދަތެއް ނެތި ފަސްކޮށްފަ އެވެ.