ކޮރޯނާވައިރަސް، ކޮވިޑް-19 ޖެހިގެން އަވައްޓެރި ސްރީލަންކާގައި މަރުވި މީހުންގެ އަދަދު ހަތަރަކަށް އަރައިފި އެވެ.

ލަންކާގައި އެންމެ ފުރަތަމަ މި ވައިރަސް ޖެހިގެން މީހަކު މަރުވެފައިވަނީ، މިދިޔަ މަހު 28 ވަނަ ދުވަހުއެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ވައިރަސް ޖެހިގެން މިއަދު މަރުވި އުމުރުން 58 އަހަރުގެ މިހާއާއެކު މަރުުވި މީހުންގެ އަދަދު ހަތަރަކަށް އަރާފައިވާ ކަމަށެވެ.

މިހާތަނަށް އެގައުމުން ވައިރަހަށް ޕޮޒިޓިވްވެފައިވަނީ، 152 މީހުންނެވެ. އޭގެ ތެރެއިން ބަލި ހާލަތު ސީރިއަސް ފަސް މީހުން ތިބި އިރު، ވައިރަހުން ރަނގަޅުވި މީހުންގެ އަދަދަކީ، 24 އެވެ.

ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ލަންކާގެ ވެރިރަށް ކޮލޮމްބޯއާއެކު ބައެއް ހައި ރިސްކު ބައެއް ސަރައްހަދު ތަކަށް މިމަހު އެކަކުން ފެށިގެން އަންނަ ހޯމަ ދުަވަހާ ހަމައަށް ވަނީ ކާފިއު އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ކެންޑީ، ގަމްޕަހަ، ކަލުތަރަ، ޕުއްޓަލަމް އަދި ޖަފްނާ ހިމެނެއެވެ. އެ ނޫން ސަރަހައްދުތަކަަށް ކާފިއު އިއުލާން ކުރަނީ މެންދުރު 2:00 އިން ފެށިގެން ހެނދުނު 6:00 އަށެވެ. އަދި ޒަރޫރީ ހިދުމަތެއް ދިނުމަށް ފިޔަވާ އިތުރު ބޭނުންތަކަށް އެއް ސަރައްހަދުން އަނެއް ސަރަހައްދަށް ދަތުރުކުރުންވެސް އެގައުމުން ވަނީ މާނާކޮށްފައެވެ.

ލަންކާގައި ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ސްކޫލުތަކާއި ޔުނިވާސިޓީތައް ބަންދުކޮށް، އެގައުމަށް ވައިގެ މަގުންނާއި ކަނޑު މަގުން މީހުން އެތެރެވުން މުއްދަތެއް ނެތް ގޮތަށް މަނާކުރުން ހިމެނެ އެވެ.

ލަންކާއިން އެންމެ ފުރަތަމަ ކޮރޯނާވައިރަހަށް މީހަކު ޕޮޒިޓިވްވީ މިދިޔަ ޖެނުއަރީ މަހު އެގައުމަށް ދިޔަ ޗައިނާގެ 43 އަހަރުގެ އަންހެއްނެގެ ގައިންނެވެ.

މިހާތަނަށް 204 ގައުުމަކުން އެއް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. ދެއްލަކައަށްވުރެ ގިނަ މީހުން ވައިރަހުން ރަނގަޅުވި އިރު، 55,720 މީހުން ވަނީ މަރުވެފައެވެ.