15 Dec 2011, 15:52
ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން "ރައިޓްސް ފެއާ"ގެ ނަމުގައި އަންނަ ހޮނިހިރު ދުވަހު ފެއާއެއް ބާއްވަން އެ ކޮމިޝަނުން ހަމަޖައްސައިފި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ބުނީ "ކޮންމެ ހައްގަކާ އެކު ޒިންމާއެއް" މިޝިއާރުގެ ދަށުން ބާއްވާ އެ ފެއާ އޮންނާނީ ހޮނިހިރު ދުވަހު ޣިޔާސުއްދީން ސްކޫލުގައި ކަމަށެވެ.
އެޗުއާރުސީއެމުން ބުނީ ރައިޓްސް ފެއާގައި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކާއި ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކާ ބެހޭ ގޮތުން މައުލޫމާތު ދޭނެ ކަމަށެވެ.
ރައިޓްސް ފެއާގައި ބައިވެރިވާ އަމިއްލަ ޖަމިއްޔާތަކުގެ ތެރޭގައި ޝީއާއި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކާއި އާކް ހިމެނެ އެވެ. އަދި ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި ޑިޕާޓްމަންޓް އޮފް ޖެންޑާ އެންޑް ފެމިލީ ޕްރޮޓެކްޝަން ޔުނިޓާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން ވެސް އެ ފެއާގައި ބައިވެރިވާނެ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހަކީ މި މަހުގެ ދިހަ ވަނަ ދުވަހެވެ. އެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ހާއްސަ ހަފުލާއެއް ބާއްވައިފަ އެވެ.