15 Dec 2011, 15:36
މަދަނީ އިއްތިހާދުން އިސްނަގައިގެން އިދިކޮޅު ސިޔާސީ ޕާޓީތަކާ ގުޅިގެން ބާއްވާ ބޮޑު މުޒާހަރާގެ ވެބްސައިޓް ފަރުމާކުރި ދި އިސްލާމްގެ އެގްޒެކްޓިވް އެޑިޓަރު ފުލުހުން ހައްޔަރު ކުރި މައްސަލަ ކައިރިން ބަލަމުން އަންނަ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.
އެމްޖޭއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި މަހު 23 ވާ ހުކުރު ދުވަހު ބާއްވާ ބޮޑު މުޒާހަރާގެ ވެބްސައިޓްގައި ހުރި ލިޔުންތަކަކީ އެ ވެބްސައިޓް ފަރުމާކުރި އަލީ އަހުސަން ޒިންމާވާން ޖެހޭ ލިއުންތަކަކަށް ވުން ލާޒިމު ނޫން ކަމަށާއި ފުލުހުން އޭނާ ހައްޔަރު ކުރި މައްސަލަ އާއި ވެބްސައިޓްގައި ހުރި ލިޔުންތަކުގެ މައްސަލަ އެ ޖަމިއްޔާ އިން ބަލަމުން އަންނަ ކަމަށެވެ.
އޭނާ އަކީ ރަޖިސްޓްރީކޮށްގެން ހިންގާ ދި އިސްލާމްގެ އެގްޒެކްޓިވް އެޑިޓަރު ކަމަށް ވާތީ ނޫސްވެރިކަމާ ގުޅުން ހުރި ކަމެއްގައި އޭނާއާ ސުވާލުކުރަން ޖެހޭނީ މީޑިއާ ކައުންސިލުން ކަމަށާއި ފުލުހުން އޭނާ ހައްޔަރުކޮށްގެން ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އެމްޖޭއޭ އިން ބުންޏެވެ.
ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެންނާއި ރަޖިސްޓްރީ ނުކޮށް ތަފާތު ވެބްސައިޓްތަކާއި ބްލޮގްތައް މީހުންގެ ޒާތީ އަދި މުޖުތަމައުގެ އާދަކާދަތަކާއި ސަގާފަތަށް ނުފެދޭ ފަދަ ލިޔުންތައް ޝާއިއުކޮށް ހަދަމުންދާކަން ފުލުހުންނަށް އެނގޭއިރު ވެސް އެ ކަންކަން ނުބަލައި ކުއްލިއަކަށް ވަކި ވެބްސައިޓަކާ ގުޅިގެން ތަހުގީގުކޮށް ނޫސްވެރިން ހައްޔަރުކޮށް ސުވާލުކުރުމަކީ އެ ޖަމްއިއްޔާ އިން ގަބޫލުކުރާ ކެމެއް ނޫން ކަމަށް ވެސް އެމްޖޭއޭގެ އެ ބަޔާނުގައިވެ އެވެ.