15 Dec 2011, 15:03
އއ. މަތިވެރީ ރަށު ކައުންސިލާއި ހއ. ފިއްލަދޫ ރަށުކައުންސިލްގެ ބައި އިލެކްޝަންގައި ޑީއާރްޕީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުންނަށް ޕީޕީއެމުން ތާއީދުކުރަން ނިންމައިފި އެވެ.
ޕީޕީއެމްގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ކައުންސިލް މެންބަރު މުހައްމަދު ނިމާލް މިއަދު ވިދާޅުވީ ޕީޕީއެމްގެ ފަރާތުން އެ ދެ ކައުންސިލް ގޮނޑިއަށް ވާދަ ނުކުރީ އިންތިހާބުގައި އެ ދެޕާޓީ އެއްކޮށް ވާދަކޮށްފިނަމަ އެމްޑީޕީން އެ ދެ ކައުންސިލްގެ ގޮނޑި ނަގާނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުމެއް ނުވޭ އެމްޑީޕީއަށް އެ ގޮނޑިތައް ލިބޭކަށް އެހެންވެ ޕީޕީއެމް ކައުންސިލުން ނިންމީ ޑީއާރްޕީގެ ކެނޑިޑޭޓުންނަށް ތާއީދު ކުރުމަށް. އަޅުގަނޑު އެދެން އެ ދެ ދާއިރާގެ ޕީޕީއެމްގެ މެންބަރުން ޑީއާރްޕީގެ ކެނޑިޑެޓުންނަށް ވޯޓް ދިނުމަށް،" ނިމާލް ވިދާޅުވި އެވެ.
ޑީއާރްޕީން މަތިވެރީ ކައުންސިލަށް ކުރިމަތިލައްވާ ކެނޑިޑޭޓަކީ އެ ރަށު ނަސީމީ މަންޒިލް، މޫސާ ހަސަނެވެ. ފިއްލަދޫ ރަށު ކައުންސިލަށް ކުރިމަތިލައްވާ ކެނޑިޑޭޓަކީ އެ ރަށު އުދަރެސް، މުހައްމަދު ޖަމީލެވެ.
މީގެ އިތުރުން ޕީޕީއެމުން ވަނީ ށ. މިލަންދޫ ދާއިރާގެ އަތޮޅު ކައުންސިލަށް އަމިއްލަ ގޮތުން ކުރިމަތިލައްވާ ށ. ފީވައް ހުވަނދުމާގެ، އަހުމަދު ރަޝީދަށް އެ ޕާޓީން ތާއީދުކުރަން ވެސް ނިންމާފަ އެވެ. ޕީޕީއެމްގެ ކެނޑިޑޭޓެއްގެ ގޮތުން އެ ދައިރާގެ އަނެއް ގޮނޑިއަށް ވާދަކުރަނީ ށ. ނަރުދޫ ޗަމަން، މޫސާ ހަސަނެވެ.
އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ށ. މިލަންދޫ ދާއިރާގެ އަތޮޅު ކައުންސިލްގެ ބައިއިލެކްޝަނާއި އއ. މަތިވެރި ރަށުކައުންސިލްގެ ބައިއިލެކްޝަންގެ އިންތިހާބް މިމަހުގެ 31 ވަނަ ދުވަހު ބާއްވާއިރު ފިއްލަދޫ ރަށު ކައުންސިލްގެ ބައި އިލެކްޝަން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހު ބާއްވަން ވަނީ ނިންމާފަ އެވެ.