15 Dec 2011, 14:55
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ޑިއުޓީ ފްރީ ހިންގުމަށް އެ އެއާޕޯޓް ހިންގާ، ޖީއެމްއާރުން ވިޔަފާރި ކުންފުންޏެއް ޓްރޭޑް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފި އެވެ.
މި މަހުގެ ހަތް ވަނަ ދުވަހު "ޖީއެމްއާރު މާލޭ ރިޓެއިލް ޕްރައިވެޓް ލިމިޓެޑު"ގެ ނަމުގައި ރަޖިސްޓްރީ ކުރި އެ ކުންފުނީގެ މައުލޫމާތު ހޯދަން "ސަން" އިން ޓްރޭޑް މިނިސްޓްރީ އަށް ފޮނުވި ސިޓީގެ ޖަވާބުގައި ރަޖިސްޓާ އަލީ ޝުޖާއު ސޮއި ކުރައްވައި މިއަދު ފޮނުއްވި ސިޓީގައި ބުނެފައި ވަނީ އެ ކުންފުނި ރަޖިސްޓްރީކޮށްފައި ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ޑިއުޓީ ފްރީގެ ވިޔަފާރި ކުރުމަށް ކަމަށެވެ.
އެ ކުންފުނީގެ ހިއްސާދާރުންނަކީ ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ލަކްޝްމީ ނަރަޔާނަން ކިޔާ މީހެކެވެ.
އެ ކުންފުންޏާ ގުޅޭ ގޮތުން ޖީއެމްއާރުގެ ކޮމެންޓެއް ހޯދުމަށް ގުޅުމުން އެ ކުންފުނީގެ މީޑިޔާ އޮފިޝަލް މަހީކާ އިއްޔެ ވިދާޅުވީ އެ ކުންފުންޏަކީ ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކަށް ވުމުން އެ ކުންފުންޏާ ގުޅޭ މައުލޫމާތު ދޭނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ކަމަށެވެ.
ޑިއުޓީ ފްރީ ހިންގަން ޖީއެމްއާރުން ކުންފުނި ރަޖިސްޓްރީ ކުރި އިރު އެއާޕޯޓުގައި މިހާރު ހިންގާ ހުރިހާ ޑިއުޓީ ފްރީތަކަށް ޖީއެމްއާރުން ވަނީ އެ ވިޔަފާރި ހުއްޓާލުމަށް ނޯޓިސް ފޮނުވާފަ އެވެ.