މުސާރައާއި އާމްދަނީއަށް ބަދަލެއް ނާންނަނަމަ ލޯނަށް ފައިސާ ދެއްކުން ފަސްކުރުމަކީ މުހިންމު ކަމެއް ނޫންކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ކޮރޯނާވައިރަހާއެކު އިގްތިސާދަށް ކުރާ އަސަރުތަކުން އާންމުންނަށް ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ބީއެމްއެލްއިން އަޅަމުން ދާ ފިޔަވަޅުތަކުގެ ތެރެއިން އެ ބޭންކުން ދޫކޮށްފައިވާ ޕާސަނަލް، ހައުސިން އަދި ބިޒްނަސް ލޯނުތައް އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދޭން ވަނީ ނިންމާފައެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް މުހައްމަދު ސައީދު ވިދާޅުވީ މުސާރައަށް ބަދަލެއް ނާންނަ ފަރާތްތަކުން ލޯނަށް މިހާރުވެސް ފައިސާ ދައްކަމުންދާ ގޮތަށް ދެއްކުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.

"ބައެއް ސިނާއަތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަތަކަށް ބަދަލެއް ނާދޭ. ކުރިއަށް އޮތް ހަ މަސްދުވަހުވެސް މިގޮތަށް މުސާރައަށް ބަދަލެއް ނާންނަނަމަ ކޮންމެހެން ލޯނު އަނބުރާ ދެއްކުން ފަސްކޮށްދޭން ހުށަހެޅުން މުހިންމެއް ނޫން. ލޯނު އަނބުރާ ދެއްކުން ފަސްކޮށްދެވޭ މުއްދަތުގައި މިހާރުވެސް ދައްކަމުންދާ ގޮތަށް ނުވަތަ ބޭނުން އަދަދަކަށް ލޯނަށް ފައިސާ ދެއްކުމަކީ އެދެވިގެންވާ ކަމެއް." ސައީދު ވިދާޅުވިއެވެ.

އޭޕްރީލް 1، 2020: ކޮވިޑް19 އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެސް އެކަމަށް ތާއީދުކުރައްވައި ވިދާޅުވީ އާމްދަނީއަށް އެއްވެސް ބަދަލެއް ނާންނަ ވިޔަފާރިތަކުން ޑެބްޓް މޮރޮޓޯރިއަމްއަށް އެދި ހުށަހެޅުން މުހިންމު ނޫން ކަމަށެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ މިފަދަ މޮރަޓޯރިއަމްއެއްގެ އެންމެ މުހިންމު ބޭނުމަކީ އާމްދަނީ ދަށްވާ ވަގުތެއްގައި ކޭޝްފްލޯ މެނޭޖުކުރަން އެހީތެރިވުން ކަމަށެވެ.

ހަމައެއާއެކު ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިން ނަމަވެސް ކަސްޓަމަރުންގެ ކްރެޑިޓް ހިސްޓްރީއަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ބޭންކުން ބުނެފައިވާ ގޮތުން 55،000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ލޯނު ފަސްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.