15 Dec 2011, 14:15
އިންޑީއާގެ ޖީއެމްއާރުން ހިންގާ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖޭގެ ބައިނަލްއަގުވާމީ އެއާޕޯޓްތަކުގެ ޑިއުޓީ ފުރީ ފިހާރަތައް ބިދޭސީ ވިޔަފާރިވެރިންނަށް ނުހިންގޭ ގޮތަށް ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އިސްލާހެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ އިގްތިސާދީ ޕެކޭޖުގެ ދަށުން މަޖިލީހަށް ހުށަހަޅާފައިވާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލުގެ ހަ ވަނަ މާއްދާގެ (ހ)ގެ (4،5) އަށް ނަޝީދު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ބައިނަލް އަގުވާމީ ބައިގެ ބަނދަރެއްގައި ހިންގާ ޑިއުޓީ ފުރީ ފިހާރައެއް ބިދޭސީންނަށް ވިޔަފާރި ކުރުމަށް ނުހިންގޭނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް މެދުވެރިކޮށް ހިންގާ ކަސްޓަމްސް ވެއާ ހައުސް އަކުން ނުވަތަ ބޮންޑެޑް ވެއާ ހައުސަކުން ނުވަތަ ކާގޯ ބަހައްޓާ އެނޫން ވެސް އެފަދަ ތަނެއް ވިޔަފާރި ކުރުމަށް ނުހިންގޭނެ ކަމަށެވެ. ކަސްޓަމްސް ކްލިއަރަންސް ނުވަތަ ކާގޯ ކްލިއަރެންސް މަސައްކަތެއް ނުވަތަ މަސައްކަތެއް ހިމެނޭ ހިދުމަތެއްގައި ބިދޭސީންގެ ވިޔަފާރި ޝާމިލްވެގެން ނުވާނެ ކަމަށް ނަޝީދުގެ އިސްލާހުގައިވެ އެވެ.
ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަލީ ރިޒާ މަޖިލީހަށް ހުށަހެޅުއްވި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލުގެ ހަ ވަނަ މާއްދާގެ (ހ)ގެ (5 ، 4) ނަންބަރުގައި ބުނެފައި ވަނީ ބިދޭސީން މުދާގަނެ ވަކިވަކިން ވިޔަފާރި ކުރާ ނަމަ ދިވެހިންގެ އާންމު ދިރިއުޅުމަށް ބޭނުންވާ ވިޔަފާރިއެއްކޮށްގެން ނުވާނެ ކަމަށެވެ. ނަމަވެސް ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ އަގުބޮޑެތި އެއްޗެހި ހިމެނޭ ވިޔަފާރި ބިދޭސީންނަށް ކުރެވޭނެ ކަމަށެވެ. އަދި ދިވެހިންގެ އާންމު މަސްލަހަތައް އުނިކަމެއް އަންނާނެ ވިޔަފާރިއެއް ހިންގައިގެން ނުވާނެ ކަމަށް ސަރުކާރުން ހުށަހެޅި ބިލުގައި މިހާރުވެ އެވެ.
ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލު އިގްތިސާދީ ކޮމެޓީން ދިރާސާކޮށް ނިންމައި މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވެފައި ވަނިކޮށް އެ ބިލަށް ނަޝީދު އިސްލާހު ހުށަހަޅާފައިވުމުން އިސްލާހަށް ވޯޓަށް އަހާނީ މަޖިލީހުގެ ތަޅުމުންނެވެ. ކޮމެޓީން ދިރާސާކޮށް ނިންމާފައިވާ ބިލަކަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މަޖިލީހުގެ ގަވާއިދުގެ 81 ވަނަ މާއްދާގެ (ބ)އިން ލިބިދެ އެވެ.
ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލަށް ނަޝީދު ހުށަހެޅުއްވި އިސްލާހުގެ ސަބަބުން އިންޑިއާގެ ޖީއެމްއާރުން ހިންގާ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިއުޓީ ފުރީ ފިހާރަތައް ބިދޭސީ ވިޔަފާރިވެރިންނަކަށް ނުހިންގޭނެ އެވެ. އަދި ބިދޭސީ ވިޔަފާރި ވެރިނަށް ރާއްޖޭގައި ވިޔަފާރި ކުރުމުގެ މަގު ހަނިވާނެ އެވެ.