01 Apr 2020, 22:01
ކޮރޯނާވައިރަހުގެ އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށް އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދޫކުރާ 2.5 ބިލިއަން ރުފިޔާގެ ސްޓިމްލަސް ޕެކޭޖުން، އަންނަ ހަފްތާ ފައިސާ ދޫކުރަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެހީގެ ލޯނު ދޫކުރާނެ ގޮތުގެ ބައެއް ތަފްސީލްތައް ހާމަކުރައްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރު 10 މިލިއަން ރުފިޔާއަށް ވުރެ މަތީގެ އާމްދަނީ ލިބިފައިވާ ކުންފުނިތަކަށް ފައިސާ ދޫކުރާނީ ބީއެމްއެލް މެދުވެރިކޮށް ކަމަށެވެ.
އެގޮތުން ބިލިއަނެއްހާ ރުފިޔާ ބީއެމްއެލްއިން ދޫކުރާނެ ކަމަށްވެ އެވެ.
މިނިސްޓަރު ވިދާޅުވީ، ރިސޯޓުތައް ފިޔަވާ ދެން ހުރި ވިޔަފާރިތަކަށް ފައިސާ ދޭނީ އެސްއެމްއީ ބޭންކް، އެސްއެމްއީ ފައިނޭންސް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އިގްތިސާދީ އެހީގެ ޕެކޭޖްގެ ތެރެއިން، ދޫކުރާ ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭ މުއްދަތު ނުވަތަ ގްރޭސްޕީރިއަޑެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ތިން އަހަރާއި ހަ މަސްދުވަހުގެ މުއްދަތެކެވެ. އަދި އެ ލޯނުގެ އިންޓަރެސްޓް ރޭޓަކީ، ހަ ޕަސެންޓް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މީގެ އިވެލުއޭޝަން މެކޭނިޒަމް ވެސް ވަރަށް ފަސޭހަވާނެ. ބޭންކުތަކަށް އެޕްލައިކޮށްގެން [ވެރިފައިކުރަން] ދެތިން މަސް ނަގާ ގޮތަކަށް ނޫން އަޅުގަނޑުމެން މި ލޯނަށް ފައިސާ ދޫކުރާނީ. އެއަށް ވުރެ ލުއިގޮތްތަކެއް އަޅުގަނޑުމެން ކަނޑައަޅާނީ،" މިނިސްޓަރު ވިދާޅުވި އެވެ. "މިއަންނަ ހަފްތާއިން ފެށިގެން ސްޓިމްލަސް ޕެކޭޖްތައް އެކްޓިވްވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ޕްރެސްގައި ބީއެމްއެލްގެ ފަރާތުން އެ ބޭންކުގެ ޕީއާރު އެންޑް ކޮމިޔުނިކޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، އެހީގެ ޕެކޭޖުގެ ދަށުން ބޭންކުން ލޯނު ދޫކުރުމުގައި އަމަލު ކުރާނީ ފިނޭންސުން ކަނޑައަޅާ އުސޫލުތަކަށް ކަމަށެވެ. އަދި އިންޓަރެސްޓް ރޭޓާއި ގްރޭސް ޕީރިއަޑްވެސް ހުންނާނީ އެކަމުގަި
މިނިސްޓަރު މިރޭވެސް ވިދާޅުވީ އެހީގެ ޕެކޭޖްތަކުގެ ލޯނުތައް ދޫކުރުމުގެ އެންމެ ބޮޑު ޝަރުތަކަށް ވާނީ، ވަޒީފާއިން މީހުން ވަކިނުކުރުން ކަމަށެވެ. އަދި، ސްޓިމްލަސް ޕެކޭޖްގެ އެންމެ ބޮޑު ބޭނުމަކީ ދިވެހިންގެ ވަޒީފާތައް ދެމެހެއްޓުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ނަމަވެސް، މުވައްޒަފުންގެ މުސާރަ އުނިކުރުން ފަދަ ހަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަކީ އެ ކުންފުންޏެއްގެ އިހުތިޔާރުގައި އޮންނަ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން، ޓެކްސް ކުލަޔަރަންސް ނެތް ކުންފުނިތަކަށް ވެސް ލޯނު ދޫކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.