ރާއްޖެއަށް ވެސް އިގްތިސާދީ ކާރިސާއެއް އަންނަކަން، އެންމެން ގަބޫލު ކުރަން އެބަ ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އެމަޖެންސީ ސާވިސް ސެންޓަރުގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، އިގްތިސާދީ ގޮތުން މިކުރިމަތި ވަނީ ވަރަށް ދަތި ވަގުތެއް ކަމަށާއި އިތުރަށް ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށެވެ. އެގޮތުން މިހާރު ހަރަދު ކުޑަކުރަން ކަނޑައަޅާފައިވާ އެއް ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް، ހަރަދުކުޑަކުރަން ޖެހޭނެ ކަމަށެވެ.

"މިއީ އަޅުގަނޑުމެން ރާވައިގެން ތިބިކަމެއް ނޫން. އެންމެން ވެސް ގަބޫލު ކުރަން އެބަ ޖެހޭ އިގްތިސާދީ ކާރިސާއެއް އެބަ އަންނަކަން. ހަރަދުތައް ކުޑަކުރަން އެބަޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް، އެއްވެސް ޕީއެސްއައިޕީ މަޝްރޫއެއް ހުއްޓާނުލައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު މިރޭ ވެސް ދެއްވި އެވެ.

މިނިސްޓަރު ހާމަކުރެއްވި ހިސާބުތައް:

  • ގައުމީ އުފެއްދުންތެރިކަން، 5.7 ޕަސެންޓުން ދަށްވެގެން ދާނެ.

  • ޓޫރިސްޓު އެރައިވަލް 54 ޕަސެންޓަށް ދަށްވުން އެކަށީގެންވޭ.
  • 12 ބިލިއަން ރުފިޔާއިން ބަޖެޓް ޑެފިސިޓްވެދާނެ.

މިނިސްޓަރު ވިދާޅުވީ މުޅި ދުނިޔޭގެ އިގްތިސާދު ވަނީ ކާރިސާއަކާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މިއީ ހުރިހާ ކަމެއް ރަނގަޅު ވާނެ ވަގުތެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، އައިއެމްއެފް އަދި ވޯލްޑް ބޭންކުން ވެސް މިއީ ހާއްސަ ހާލަތެއް ކަމަށް ބަލައިގެންފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ އިގްތިސާދީ ކާރިސާއަކާ ދިމާލަށް. އަޅުގަނޑުމެން އެދެނީ ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް އެއްވެސް ފޮރުވުމެއް ނެތި މިވާހަކަތައް ދައްކަނީ އެންމެންނަށް ވެސް އެކަން އެނގެން،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ޖުމްލަކޮށް ހުރިހާ ވިޔަފާރިތަކެއް ވެސް ހަމަސްދުވަހަށް "ފްރީޒް"ވެގެން ދާ ކަމަށެވެ. އެހެން ނަމަވެސް ހަ މަސް ދުވަހަށް ފަހު އިގްތިސާދު ރަނގަޅުވާން ފަށާނެ ކަމަށް އުންމީދު ކުރެއްވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ ހާލަތަށް ތައްޔާރަށް ތިބެން ޖެހޭކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"މިސާލަކަށް ބައްލަވާ ސުނާމީއަށް ފަހުވެސް އިގްތިސާދަށް އެއްކޮށް ހިޓްވި. ވަރަށް ފާސްޓްކޮށް ބައުންސް ބެކްވެގެން ދިޔަ... އޭޑީބީގެ ރިޕޯޓެއްގައި ވެސް އެބައޮތް ގައުމީ އުފެއްދުންތެރިކަން 2021ގައި ޑަބަލް ވެގެން އަންނާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފާމަސީތައް ފަދަ އިގްތިސާދީ ކާރިސާއެއްގައި ގެއްލުން ނުވާނެ ވިޔަފާރިތައް ވެސް އުޅޭނެ ކަމަށާއި ސަރުކާރުގެ އެދުމަކީ އެފަދަ ފަރާތްތަކުން މުވައްޒަފުންނަށް ދެރަގޮތް ނުހެދުން ކަމަށެވެ. މީގެ އިތުރުން ހައުސިން ލޯންތަކަށް ވެސް ލުއި ލިބޭތީ ގެދޮރު ކުއްޔަށް ދޭ ފަރާތްތަކުން ވެސް ކުލި އަގުހެޔޮކޮށްދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.