15 Dec 2011, 13:56
އިރާގުގެ އަވަށެއް ކަމަށްވާ ހަދިސާގައި 2005 ވަނަ އަހަރު އެމެރިކާ ސިފައިން ހިންގި ލާއިންސާނީ ގަތުލުއާއްމެއްގެ މައްސަލަ ތަހުގީގު ކުރި ކަމަށް ބުނެ އެކަން ހިންދާލާފައި ވަނިކޮށް، ބަޣުދާދުގެ ކުނިގޮނޑަކުން ފެނުނު އެމެރިކާގެ ލިއުންތަކަކުން އެ ހާދިސާގެ ތަފުސީލުތައް އާއްމުވެއްޖެ އެވެ.
ހަދިސާގައި ގަތުލުއާއްމު ހިންގި އެމެރިކާ ސިފައިން ތަހުގީގުގައި ދައްކާފައިވާ ވާހަކަތައް ހިމެނޭ 400 ސޮފުހާގެ ލިއުންތައް ބަޣުދާދުގެ ކުނިގޮނޑަކަށް އުކާލާފައި ވަނިކޮށް އެ ލިއުންތައް ނެގީ އިރާގުގެ އާދައިގެ ރައްޔިތެއް ކަމަށާއި އޭނާ ރޭގަނޑުގެ ކާނާ ކެއްކުމަށް ދަރުގެ ގޮތުގައި އެ ކަރުދާސްތައް ޖައްސަމުން ދަނިކޮށް އެހެން ބަޔަކަށް ފެނުނީ ކަމަށް ނިއުޔޯކްޓައިމްސްގައިވެ އެވެ.
"އަހަރެމެންގެ އަމަލުތަކުގެ ސަބަބުން ނަމަވެސް، ނުވަތަ އެހެން ބައެއްގެ އަމަލުތަކުގެ ސަބަބުން ނަމަވެސް، މިފެނުނީ ބޯބުރިކޮށްލާފައިވާ 20 މީހުންގެ އެއްތަނަކުން، އަނެއް 20 މީހެއްގެ ހަށިގަނޑު އަނެއް ތަނަކުން،" ކުނިގޮނޑުން ހޮވި އެމެރިކާގެ ސިއްރު ލިއުންތަކުގައި އިރާގުގެ އަންބާރު ޕްރޮވިންސްގައި އޭރު ތިބި އެމެރިކާ ސިފައިންގެ ކޮމާންޑަރެއްކަމަށްވާ ކާނަލް ތޯމަސް ކަރިކާ ތަހުގީގުގައި ބުނި ކަމަށް ލިޔެފައިވެ އެވެ.
ފުރާތުކޯރުގެ އައްސޭރީގައި އޮންނަ ހަދިސާ އަވަށުގައި އެމެރިކާ ސިފައިން ހިންގި ގަތުލުއާއްމުގައި 24 މީހުން މަރާލި އިރު އޭގެ ތެރޭގައި ފުރޮޅުލީ ގޮނޑިއެއްގައި އިން އުމުރުން 76 އަހަރުގެ މީހަކާއި އެތައް ކުޑަކުދިންނެއް ވެސް ހިމެނެ އެވެ.
އެމެރިކާ އިން އެގަތުލުއާއްމު ތަހުގީގު ކުރުމަށް ފަހު ތަހުގީގުގެ އަސްލު ރިޕޯޓްތައް ފޮރުވާފައި، އެކަމުގައި ބައިވެރިވި އެމެރިކާގެ އެއްވެސް ސިފައިންގެ މީހަކާ މެދު ފިޔަވަޅުއަޅާފައެއް ނުވެ އެވެ.
ކުނިގޮނޑުން ފެނުނު ލިއުންތަކުން ހާމަވެފައިވާ ގޮތުގައި އިރާގުގައި ތިބި އެމެރިކާ ސިފައިން ހަމަ އެއްވެސް ކަމަކާ ނުލައި މަޖަލަކަށް ހަދައިގެން އިރާގުގެ އާއްމު ރައްޔިތުން މެރުމަކީ އެމީހުން އާއްމުކޮށް ކުރަމުން ދިޔަ ކަމެކެވެ. އެގޮތުން ސިފައިންގެ އެއްބަޔަކު ފޮޓޯ ނަގަން ބައިތިއްބައިގެން އަނެއް ބަޔަކު މީހުން މެރުމަކީ ވެސް އެމެރިކާ ސިފައިން އިރާގުގައި އާއްމުކޮށް ކުރަމުން ދިޔަ ކަމެކެވެ.
އެމެރިކާ ސިފައިން އެކަރުދާސްތައް ގޮނޑަށް އުކާލީ އެމީހުން އިރާގުން ފައިބަން ވެގެން ކަމަށާއި އެކަމަކު އެލިއުންތަކަކީ ނައްތާލާފައި ވާން ޖެހޭނެ ލިއުންތަކެއް ކަމަށް ނިއުޔޯކްޓައިމްސްގައި ލިޔެފައި ވެއެވެ.
"ގިނަ ލިއުންތަކަކީ ކްލެސިފައި ކޮށްފައި ހުރި ލިއުންތައް ، އެ ލިއުންތަކަކީ ނައްތާލެވިފައި ވާން ޖެހޭނެ ލިއުންތަކެއް، އޭގެ ބަދަލުގައި އެލިއުންތައް އެގޮތް މޮގޮތަށް، އެތަން މިތަނަށް އުކާލާފައި ހުރީމައި ކަލޭމެންގެ އަތަށް އެރީ، ކްލެސިފައި ކޮށްފައި ހުންނަ ލިއުމާ މެދު ވާހަކަދެއްކުމުގެ މިނިވަންކަމެއް އަހަރެމެންނަކަށް ނެތް،" އިރާގުގައި ތިބޭ އެމެރިކާސިފައިންގެ ތަރުޖަމާނު ކާނަލް ބެރީ ޖޯންސަން ބުނި ކަމަށް ނިއުޔޯކްޓައިމްސްގައިވެ އެވެ.
އިރާގުގައި އެމެރިކާ ސިފައިން ހިންގާފައިވާ ލާއިންސާނީ އެތައް ޖަރީމާތަކެއްގައި ޝާމިލްވި އެއްވެސް ސިފައިންގެ މީހަކާ މެދު އެމެރިކާ ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް މިހާތަނަށް ވެސް އަޅާފައެއްނުވެ އެވެ. ނަމަވެސް އެގައުމުން ދަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހިންގާ އެފަދަ ކަންތައްތައް ތަހުގީގުކޮށް، ކުށްވެރިވާ މީހުންނަށް އަދަބު ދިނުމަށް އަބަދު ވެސް ގޮވަމުންނެވެ.