ސަރުކާރުގެ ފެން ކުންފުނި މޯލްޑިވްސް ވޯޓާ އެންޑް ސްވްރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ އަހަރީ ދުވަސް ފާހަގަ ކުރުން ފަސްކޮށްފި އެވެ.

އެމްޑަބުލިއުއެސްސީއަށް 25 އަހަރު ފުރުނީ އިއްޔެ އެވެ.

އެކަމާ ގުޅިގެން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ އަހަރީ ދުވަސް އައި އިރު، މުޅި ދުނިޔެއަށް ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރިފައިވާ ވަގުތެއްގައި ކަމުން އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތްތައް މަޑު ޖައްސާލާފައިވާ ކަމަށެވެ.

"ނަމަވެސް މިކުއްލިނުރައްކާގެ ހާލަތުގައިވެސް، މިކުންފުނީގެ މުވައްޒަފުން، ކަސްޓަމަރުންނަށް ބޭނުންވާ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ވަރުބަލިކަމެއްނެތި ކުރަމުންދާ ކަމުގައި ފަހުރުވެރިކަމާއެކު ފާހަގަކުރަން" އެމްޑަބުލިއުއެއްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑަބުލިއުއެސްސީއިން ބުނީ މި ދަނޑިވަޅުގައި އެޅޭނެ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އެމްޑަބްލިޔުއެސްސީ އެޕް އަދި އޮންލައިން ހިދުމަތްތައް ބޭނުންކުރަމުން ގެންދިޔުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެމްޑަބްލިޔުއެސްސީ ވުޖޫދަށް އައިސްފައިވަނީ،
އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ފެނާއި ނަރުދަމާގެ ހިދުމަތް ލިބޭނެ ފުރިހަމަ މަގެއް ތަނަވަސްކޮށް ދިނުމަށްޓަކައި، 1995 ވަނަ އަހަރުގެ އެޕްރީލް މަހުގެ އެއް ވަނަ ދުވަހު އެވެ.

"60 މުއައްޒިފުންނާއެކު 10،447 ކޮޑި މީޓަރުގެ ފެން 60،000 މީހުންގެ އާބާދީއަކަށް އުފައްދަން ފެށި މި ކުންފުނިން މިހާރު ދަނީ 900 މުވައްޒަފުން ނާއެކު، ދުވާލަކު 43،300 ކޮޑި މީޓަރުގެ ފެން އުފެއްދުމުގެ ގާބިލްކަން ހޯދަ އި، ދިވެހިރާއްޖޭގެ އާބާދީގެ 50 ޕަސެންޓަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުން." އެމްޑަބުލިއުއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖޭގައި ހިނގާ ފެނާއި ނަރުދަމާގެ ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ އިތުރުން ފުޅާ ދާއިރާ އެއްގައި އިންޖީނިއަރިން މެނުފެކްޗަރިން އަދި ފެނާއި ނަރުދަމާއާއި ގުޅުންހުރި ވިޔަފާރީގެ ގެ މަސައްކަތްތައް އެމްޑަބުލިއުއެސްސީއިން ދަނީ ކުރަމުންނެވެ.

މަސްވެރީންނަށް އައިސް އަދި ފުޅީގައި ބަންދުކޮށްފައިވާ ފެން އުފައްދުމާއި އަދި ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ބޭނުންވާ ފެން ހޮޅި އަމިއްލައަށް އުފައްދައި ވިއްކުމުގެ މަސައްކަތްވެސް އެމްޑަބުލިއުއެސްސީއިން ކުރެ އެވެ.

އެމްޑަބްލިޔުއެސްސީ ގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ކުންފުނީގެ ޚިދުމަތްތައް އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.