01 Apr 2020, 20:30
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އޭޝިއާއިން ކޮންޓްރޯލްވާން އަދި ގާތްވެސް ނުވާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.
ކޮރޯނާ އެންމެ ފުރަތަމަ ފެނުނީ ޗައިނާއިންއެވެ. ނަމަވެސް މިހާރު އެ ގައުމުގައި ބަލި ފެތުރުން ވަނީ ކޮންޓްރޯލްކޮށްފައެވެ. ނަމަވެސް އަދިވެސް އެގައުމަށް އެތެރެވާ މީހުންގެ ކިބައިން ދަނީ ބަލި ފެންނަމުންނެވެ.
ޗައިނާއިން 3309 މީހުން ކޮވިޑް ޖެހިގެން މަރުވިއެވެ. ނަމަވެސް އެ ބަލި އެމެރިކާގައި ހަލުވި ކަމާއެކު ފެތުރި 165،000 މީހުންނަށް ވަނީ ޖެހިފައެވެ. އޭގެ ތެރެއިން 3415 މީހަކު ވަނީ މަރުވެސްވެފައެވެ.
"ޗައިނާގައި ވައިރަސް ފެތުރޭ މިންވަރު މިހާރު ވަނީ ދަށްވެފައި. އެހެންނަމަވެސް އަދިވެސް އާ ކޭސްތައް ހުއްޓުވުމުގައި ގޮންޖެހުން އެބަހުރި. މިއީ ދިގު މުއްދަތަކަށް ކުރަން ޖެހޭ ބޮޑު ހަނގުރާމައެއް" ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް ތޯރިކް ޖަސަރެވިކް ވިދާޅުވިއެވެ.
ޗައިނާގެ އިތުރުން ދެކުނު ކޮރެއާއިންވެސް މިހާރު އާ ކޭސްތައް ފެންނަ މިންވަރު ވަނީ ދަށްވެފައެވެ. އެހެން ނަމަވެސް ޗައިނާއާއި ދެކުނު ކޮރެއާއިންވެސް ވަނީ އެ ދެގައުމުގެ ނެޝެނަލް ކޮލެޖް އެންޓްރެންސް އެގްޒޭމް ފަސްކޮށްފައެވެ.
އެހެންކަމުން ދެ ގައުމުވެސް އާންމު ހާލަތަށް އަދިވެސް ރުޖޫއަ ނުވެވޭގޮތް ވަނީ ވެފައެވެ.
ކޮވިޑް މުޅި ދުނިޔެއިން 874,081 މީހަކަށް ޖެހިފައިވާއިރު މަރުވި މީހުންގެ އަދަދު ވަނީ 43,290 އަށް އަރައިފައެވެ.