މިނިސްޓާ އޮފް ޓްރޭޑް އެންޑް އިކޮނޮމިކް ޑިވެލޮޕްމެންޓް މަހުމޫދު ރާޒީގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުން މަޖިލީހަށް މިއަދު ވައްދައިފި އެވެ.

އެ ގްރޫޕްގައި ހިމެނެނީ ޕީޕީއެމްގެ މަޖިލިސް މެންބަރުންނާއި ޕީއޭގެ މަޖިލިސް މެންބަރުންނާއި މިނިވަން ބައެއް މެންބަރުންގެ އިތުރަށް ގައުމީ ޕާޓީގެ ހަމައެކަނި މެންބަރު ރިޔާޒް ރަޝީދެވެ.

އިދިކޮޅު ޖޮއިންޓް ޕާލިމެންޓް ގްރޫޕުން ފަރާތުން މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަމުން ގައުމީ ޕާޓީގެ ޕާލިމެންޓް ގުރޫޕްގެ ރައީސް އަދި ވިލިފުށީ ދާއިރާގެ މަޖިލިސް މެންބަރު ރިޔާޒް ރަޝީދު ވިދާޅުވީ މަހުމޫދު ރާޒީގެ އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމަށް މިއަދު މަޖިލީހަށް ހުށައެޅީ ގާނޫނީ އަސާސީގެ 97 ވަނަ މައްދާ އާއި ހިލާފަށް ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުމުގައި ސޮއިކުރައްވާފައިވާތީ ކަމަށެވެ.

ގާނޫނު އަސާސީގެ 97 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ފަސްކުރާ ގާނޫނެއްގެ މަތިން މެނުވީ ވެރިކަން ހިންގާ ފަރާތުން ދައުލަތުގެ އާމްދަނީއެއް ހޯދުމަށް އެއްވެސް ޓެކުހެއް ނުވަތަ އެ އެނޫން އެއްވެސް އެއްޗެއް ނަގައިގެން ނުވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު 16 މެންބަރަކު ސޮއިކުރައްވާ މިއަދު ރައްޔިތުންގެ މަޖިލިހުގެ އިދާރާއަށް ހުށައަޅާފައިވާ މައްސަލާގައި ބުނެފައިވަނީ ޕްރައިވެޓައިޒޭޝަން ކޮމިޓީގެ ޗެއާމަންގެ ހައިސިއްޔަތުން މަހުމޫދު ރާޒީ ގާނޫނާއި ހިލާފަށް އެއާޕޯޓް ސާވިސް ޗާޖް ނެގޭނެ ކަމަށް ޖީއެމްއާރްއާއެކު ވެފައިވާ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށާއި އަދި އެކަން ތަންފީޒު ކުރުމަށް ޖީއެމްއާރުން މަސައްކަތް ކުރާ ދަނޑިވަޅެއްގައި ރާޒީ މިނިސްޓަރު ކަމުގެ މަގާމުން ދުރުކުރުމަށް އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން ހުށައެޅީ ކަމަށެވެ.

"... ރާޒީ ހިންގާފައިވާ އަމަލަކީ ގާނޫނާއި ހިލާފް އަމަލެއް ކަމަށް ސިވލް ކޯޓުން ކަނޑައަޅުއްވަފައިވާތީ ރަޒީ އިސްކޮށް ހުންނަވައިގެން ޖީއެމްއާރްއާ އެކު ވެފައިވަ އެއްބަސްވުމަކީ ދިވެހި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެވޭ ގޮތަށް ވެފައިވާ އެއްބަސްވުމެއް ކަމަށް ވުމުން، އެކަމުގެ ޒިންމާ ރާޒީ ނަންގަވަން ޖެހޭ ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ،" ހުށައެޅި މައްސަލާގައި ވެ އެވެ.

ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވީ ޖޮއިންޓް ޕާލިމްނެޓް ގުރޫޕްގެ މަޝްވަރާއަށް ފަހު ރާޒީގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅަން ފާސްވުމާއި ގުޅިގެން މިއަދު މައްސަލަ ވެއްދީ ކަމަށެވެ. އޭނާ އަދި ވިދާޅުވީ މަހުމޫދް ރާޒީ ޖީއެމްއާރާ އެކެ ވެފައިވާ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު ރާޒީގެ އަމިއްލަ މަސްލަހަތު އެކަމުގައި ހިމެނިފައިވާ ކަމަށެވެ.

"އެއާޕޯޓްގެ ޑިއުޓީ ފިހާރައިގެ ގޮތުގައި ލެކިއުޓްގެ ފިހާރައެއް ހިންގަމުން އެބަދޭ. އެތަނަކީ މަހުމޫދު ރާޒީގެ ހިއްސާ އޮންނަ ތަނެއް. އެތަން ބަންދުކުރާކަށް ޖީއެމްއާރަކަށް ނުކެރުނު އަންގާކަށް،" އިލްހާމް ވިދާޅުވި އެވެ.

ނަމަވެސް އެމްވީކޭ އަކީ ތަފާތު އެހީތައް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ވީނަމަވެސް އެމްވީކޭއިން އެއާޕޯޓްގައި ހިންގަމުން ދިޔަ ޑިއުޓީ ފްރީ ފިހާރަ ބަންދުކުރުމަށް އަންގާފައިވަނީ އެކަމުގެ އަޑީގައި މަހުމޫދު ރާޒީ ހުންނަވައިގެން ކަމަށް އިލްހާމް ތުހުމަތު ކުރެއްވި އެވެ.

ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕުން މިއަދު ބުނީ ގައުމީ މައްސަލައެއްގެ ގޮތުގައި ބަލާ މި މައްސަލައިގައި އިދިކޮޅު ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާ އެކު މަހުމޫދް ރާޒީގެ މައްސަލަ ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލު ކުރާ ކަމަށާއި، ހާއްސަކޮށް ޑީއާރްޕީގެ މަޖިލީހުގެ މެންބަރުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

"މިއީ ގައުމީ މައްސަލައެއް ހުރިހާ އިދިކޮޅު ފަރާތްތައް ވެސް މި މައްސަލައިގައި އެއްކޮށް މަސައްކަތް ކުރާނެ. ހާއްސަކޮށް ޑީއާރްޕީގެ މަޖިލިސް މެންބަރުން، މިމައްސަލަ އަށް ތާއީދުކުރުމަށް އަޅުގަނޑުމެން އެދެން،" އިލްހާމް ވިދާޅުވި އެވެ.