19:00


ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދި ހުށަހަޅާ ފޯމުތަކުގައި ޖަހަން ޖެހޭ އިނގިލީގެ ނިޝާނުގައި މައްސަލަތައް ހުންނަކަން ފަހަކަށް އައިސް ފާހަގަ ކުރެވޭ ކަމަށް ބުނެ އެފަދަ ފޯމުތައް އަންނަ އަހަރުން ފެށިގެން ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.


އިލެކްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަހުމަދު އަލި ދީދީ މިއަދު ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ވަނުމުގައި ހުރި ގަވައިދާ ހިލާފް ކަންކަމާއި އޮޅުން ބޮޅުންތައް ހުއްޓުވުމަށްޓަކައި އިނގިލީގެ ނިޝާން ޖަހަން ޖެހޭ ގޮތަށް މިއަހަރުގެ އެޕްރީލް މަހު އެ ކޮމިޝަނުން ތަޢާރަފް ކުރި ޕާޓީތަކަށް ވަނުމަށް އެދި ހުށަހަޅާ ފޯމުތަކުގައި ހުންނަ އިނގިލީގެ ނިޝާނުގައި ކުލަ މަޑުވުމާއި، ކުލަ ގަދަވެ، ވަކި އެއްޗެއް ފާހަގަނުވުމުގެ މައްސަލަތައް ފަހަކަށް އައިސް ވަރަށް ގިނައިން ކުރިމަތިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އިނގިލީގެ ނިޝާން ދެނެގަންނަން އުނދަގޫވެ ފޯމްތައް ޕްރޮސެސް ކުރުމުގައި ދަތިތަކާ ދިމާވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ޑރ. އަހުމަދު އަލި ދީދީ ވިދާޅުވީ ފޯމުގައި ހުންނަ އިނގިލީގެ ނިޝާންތަކުގައި މިހާރު ހުށަހަޅާއިރު މައްސަލަތައް ހުރި ނަމަވެސް މި އަހަރުގެ ނިޔަލަށް އެފަދަ ފޯމްތައް ބަލައިގަންނާނެ ކަމަށެވެ. އަދި އިނގިލީގެ ނިޝާން ޖެހުން ފަދަ ކަންކަމަށް އާއްމުން އަހުލުވެރިވެފައި ވާލެއް ކުޑަ ކަމުން މީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް މިހާރު ފުލުހުންނާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ޑރ. އަހުމަދު އަލި ދީދީ ވިދާޅުވި އެވެ.