15 Dec 2011, 13:25
ރާއްޖޭގެ އިގުތިސޯދީ އަދި ވިޔަފާރީގެ ވެއްޓަށް އަމާޒުކޮށްގެން ދިވެހި ވިޔަފާރި ވެރިންގެ ޖަމްއިއްޔާއިން ނިއުސް ލެޓާ އެއް ނެރެން ފަށައިފި އެވެ.
"ވިކުރާ"ގެ ނަމުގައި ޑިޖިޓަލްކޮށް މަހަކު އެއްފަހަރު ނެރޭ އެ ނިއުސްލެޓާގެ ފުރަތަމަ އެޑިޝަން ވަނީ މިއަދު ނެރެފަ އެވެ.
އަށާރަ ސަފުހާގެ މައްޗަށް އެކުލެވޭ ވިކުރާގެ، ޑިސެމްބަރު މަހު އަދަދުގައި 18 ތަފާސްހިސާބުގެ މައްޗަށް އަލިއަޅުވާލައި ދިވެހި އިގްތިސޯދާއި އަދި ވިޔަފާރީގެ ވެއްޓަށް އަންނަ ބަދަލުތަކުގެ ތަފްސީލް ރިޕޯޓްތަށް ހިމަނާފައިވެ އެވެ.
ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ އާ ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވީ ވިކުރާގެ މަގުސަދަކީ ވިޔަފާރީގެ ވެށީގެ ދިރާސާ ރިޕޯޓްތަކެއް ކިޔަވާ ކުދިންނަށާއި މުޖުތަމައަށް ފޯރުކޮށްދިނުން ކަމަށެވެ.
"މިހާރު އެމްއެމްއޭން އަދި ޓްރޭޑުން ނެރޭ އެއްޗިހީގައި ނުހުރޭ ތަފާސް ހިސާބުތަކުގެ މައްޗަށް ދިރާސާއެއް ކޮށްފައެއް. އަޅުގަނޑުމެން މީގައި ވަރަށް މުހިންމު ދިރާސާތައް ކޮށްފައި ހުންނާނީ. އަޅުގަނޑުމެންގެ އަމިއްލަ އެއްވެސް ވާހަކައެއް ނުހުންނާނެ. [އަޅުގަނޑުމެން ހިމަނާފައި ހުންނަނީ] ދިރާސާ." އަދީބު ވިދާޅުވި އެވެ.
އޮންލައިން މީޑިޔާގައި ހިލޭ ބަހަމުން އަންނަ އެ އެޑިޝަންއަށް ލިޔުމުގެ ފުރުސަތު އެންމެހާ ފަރާތްތަކަށް ހުޅުވާލާފައިވާކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެޑިޓޯރިއަލް ޕޮލިސީގެ ތެރެއިން ފޮނުވާ ލިޔުންތައް ވެސް އެ މިންގަޑަށް ފެތެންޏާ ޝާއިއު ކުރެވޭނެ،" އަދީބު ވިދާޅުވި އެވެ.
އެ އެޑިޝަންގެ އެޑިޓަރަކީ އިގްތިސޯދީ މާހިރެއް ކަމައްވާ އިބްރާހިމް އާތިފް ޝަކޫރެވެ.