01 Apr 2020, 15:12
ގައުމީ ޔުނިވާސިޓީގެ ދަނާލު ފީ މާފުކޮށްދީފި އެވެ.
ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ވައިސް ޗާންސެލާ ހަސަން ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދަނާލު ފީ މާފުކޮށްދިނީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ދަރިވަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.
އެގޮތުން މިދިޔަ މަހާއި މިމަހުގެ ދަނާލު ފީ މިހާރު މާފްކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ ހިމެނޭ ގޮތަށް ރާއްޖޭގެ ހަތަރު ސަރަހައްދެެއްގައި އެމްއެންޔޫގެ ދަނާލުތައް ހުރެ އެވެ. އޭގެ ތެރޭގައި ގދ. ތިނަދޫ، އައްޑޫ ސިޓީ ހިތަދޫ އަދި ހދ. ކުޅުދުއްފުށީގައި ހުންނަ ދަނާލު ހިމެނެ އެވެ. ހުރިހާ ދަނާލުތަކުގައި ޖުމްލަ 168 ދަރިވަރުން ތިބެ އެވެ.
އޭގެ ތެރެއިން ރަށްރަށުގައި ހުންނަ ދަނާލުތަކުން ކުއްޖެއްގެ އަތުން ނަގަނީ 500 ރުފިޔާ އެެވެ. އަދި މާލޭގައި ހުންނަ ދަނާލުގައި ޝެއާޑް ކޮޓަރިތަކުން 900 ރުފިޔާ އަދި ސިންގަލް ކޮޓަރިތަކުން 1200 ރުފިޔާ ދަރިވަރެއްގެ އަތުން ނަގަ އެވެ،
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އެމްއެންޔޫގެ ކިޔެވުން ވެސް ވަނީ މެދުކަނޑައިލައިފަ އެެވެ.