01 Apr 2020, 13:04
މިދިޔަ މަހުގެ މެދު ތެރޭގައި އިނގިރޭސިވިލާތަށް ވަޑައިގެތް މިހާރު ރާއްޖެ ވަޑައިގަތްފައިވާ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހަށިގަނޑުން ކޮވިޑް-19ގެ އެއްވެސް ނިޝާނެތް ނުފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
މިމަހުގެ 14 ވަނަ ދުވަހުން 19 ވަނަ ދުވަހާ ދެމެދު އިނގިރޭސިވިލާތުން ރާއްޖެ އައި އެންމެން އަދި އެމީހުންނާއި ކޮންޓެކްޓްވީ މީހުން ކޮވިޑް-19 އަށް ޓެސްޓުކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ނިންމާފަ އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، މިދިޔަ މަހުގެ 11 އިން 14 އަށް އެމަނިކުފާނު ހުންނެވީ އިނގިރޭސިވިލާތުގައި ކަމަށެވެ. އަދި އެ ގައުމުން ރާއްޖެއައި އިރު އެއްވެސް ކަހަލަ ޓްރެވަލް ރެސްޓްރިކްޝަނެއް ނެތް ކަން ނަޝީދު ވަނީ ފާހަގަ ކުރައްވާފަ އެވެ.
އިނގިރޭސިވިލާތުން ދާދި ފަހުން އައި ތިން ދިވެހިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްފަ އެވެ. އެގައުމަކީ މިހާރު އެންމެ ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުންދާ އެއްގައުމު ވެސް މެ އެވެ.
"ޓެސްޓް ކުރަން އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުގައި ޕަބްލިކް ހެލްތުން މައުލޫމާތު ދީފައިވާ ގޮތުގައި މި އޮންނަނީ ކޮވިޑް-19 ބަލީގެ ނިޝާންތައް ހުރި މީހުނަށް. މާތް ރަސްކަލާންގެ އަމުރާއި އިރާދަފުޅުން އަޅުގަނޑުގެ އޭގެ ނިޝާނެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.
އެޗްޕީއޭ އިން އެދިއްޖެ ނަމަ ކޮވިޑް-19 އަށް ޓެސްޓްކުރަން ރައީސް ނަޝީދު ހުންނެވީ ތައްޔާރަށް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑު ޓެސްޓް ކުރަން ތައްޔާރަށް ހުރިއިރު ޕަބްލިކް ހެލްތާއި ޑޮކްޓަރުން ކައިރީގައި އަހާލަން ބޭނުން ވާނެ 14 ވަނަ ދުވަހުގެ ތާރީހަށް ތިޔަބޭފުޅުން ތިޔަ ނިންމެވީ ކޮން ސައިންޓިފިކް ރެޝަނާލަކަށް ބިނާކޮށްފައިތޯ،" ނަޝީދު ވިދާޅުވި އެވެ.
ދާދި ފަހުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް ވަނީ ކޮވިޑްއަށް ޕޮޒިޓިވްވެފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ރައީސް ނަޝީދަށް ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ބޭސްފަރުވާއަށް އެމަނިކުފާނަށް އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ހުއްދަ ދެވުނު އެވެ. އެއާ އެކު އަނބިކަބަލުން ލައިލާއާއި ދަރިކަނބަލުންނާ އެކު ވަނީ އިނގިރޭސިވިލާތަށް ދިރުއުޅުން ބަދަލު ކުރައްވައިފަ އެވެ. އަދި މިހާރު ވެސް ރައީސް ނަޝީދުގެ އާއިލާ އުޅުއްވަނީ އިނގިރޭސިވިލާތުގަ އެވެ.
އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަތީ އެމަނިކުފާނުގެ ކައިވެންޏަށް 26 އަހަރު ފުރުން ފާހަގަކުރުމަށެވެ.