މަގުމަތިން ހިނގާފައި ދިޔަ ކުޑަ އަންހެން ކުއްޖަކު ގަދަކަމުން ހިފަހައްޓައި ކާރެއްގައި ގެސްޓް ހައުސްއަކަށް ގެންގޮސް ބަނގުރަލާއި މަސްތުވާތަކެތި ދީ ރޭޕްކޮށް، އެ މަންޒަރު ވީޑިއޯ ކުރި ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.

މި އަމަލު ހިންގާފައި ވަނީ މިދިއަ ހޮނިހިރު ދުވަހު މާލޭގަ އެވެ. އުމުރުން 16 އަހަރުގެ ކުޑަ އަންހެން ކުއްޖާ ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސްފައި ވަނީ ދުވާލު މެންދުރު ވަގުތު އެވެ.

ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓްގެ ވެރިޔާ، ސުޕްރިންޓެންޑެންޓް އަލީ ސުޖާއު މިއަދު ވިދާޅުވީ ހޮނިހިރު ދުވަހުގެ މެންދުރު 12:00 ޖަހާކަންހާއިރު އެ އަންހެން ކުއްޖާ ހިނގާފައި ދަނިކޮށް ގެސްޓް ހައުސްއަކަށް ގެންގޮސް ރޭޕް ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރީ ސ. ހިތަދޫ ހިތަދޫގޭ، އަޒްމީލް އަހުމަދު 20، އާއި މ. ހިޔަމަ އިސްމާއިލް މުނީޒް 19، އާއި ސ. މަރަދޫ ފޭދޫ ވައިޓްސީ، މުހައްމަދު އަޒުމް 25، އަދި މ. ފެންނިރު އަހުމަދު ނަބީހް މޫސާ 21، ކަމަށެވެ.

އެ ހަތަރު މީހުންނަކީ ވެސް މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރިކޯޑް އޮތް ބައެއް ކަމަށް ފުލުހުން މިއަދު ބުންޏެވެ.

ޝުޖާއު ވިދާޅުވީ އެ އަމަލު ހިނގިކަން ރިޕޯޓު ކޮށްފައިވަނީ އެ ކުއްޖާ ގެސްޓުހައުސް އަށް ގެންދިޔަތާ 40 މިނެޓްގެ ތެރޭ އަންހެން ކުއްޖާގެ އާއިލާ އިން ކަމަށެވެ. އަދި އެކަން އާއިލާއަށް އެންގީ އަންހެން ކުއްޖާ ކޮންމެވެސް ގޮތަކުން ގެއަށްގޮސް ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންހެން ކުއްޖާއަށް އެމީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ދޭން ނޭންގުނު ކަމަށާއި ހަމައެކަނި ބުނެދޭން އެނގުނީ އެގެތެރެއިން ދެ މީހެއްގެ ވަނަން ކަމަށެވެ. އެކުއްޖާއާ އެ ހަތަރު މީހުންނާ ގުޅުމެއްވާކަން ނުވަތަ ނޫން ކަން ވެސް ޝުޖާއު ވިދާޅެއް ނުވެ އެވެ. އަދި އަންހެން ކުއްޖާ ކާރަށް އެރުވީ މާލޭގެ ކޮން ހިސާބެއްގެ ކޮން މަގަކުން ކަމެއް ވެސް، ވެއްދި ގެސްޓްހައުސް އެއް ވެސް ހާމައެއް ނުކުރައްވަ އެވެ.

ނަމަވެސް އަންހެން ކުއްޖާ ކާރަށް އެރުވި ވަގުތު އެހިސާބުގައި އެއްވެސް މީހަކު ހުރި ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށާއި އެއީ ވަރަށް ބޮޑަށް ރާވައިގެން ހިނގާފައިވާ ޢަމަލެއް ކަމަށް ވިދާޅުވި އެވެ.

"އެވަގުތަކީ މެންދުރު ވަގުތު. މީހުން ފިހާރަތައް ވެސް ބަންދުކޮށްފައި ދިޔަ ވަގުތު. އެއްވެސް މީހަކު އެ މަގުގައި ނެތިސް ހިނގި ކަމެއް ކަމަށް މިހާތަނަށް އެނގިފައިވަނީ،" ސުޖާއު ވިދާޅުވި އެވެ. އަދި ވިދާޅުވީ ހާދިސާ ރިޕޯޓު ކުރުމާއެކު ފުލުހުން އެ ގެސްޓް ހައުސަށް ގޮސް އެމީހުން އަންހެން ކުއްޖާ ގެންދިޔަ ކޮޓަރި ބަލައި ފާސްކޮށް 36 ގަޑިއިރުގެ ތެރޭ ހަތަރު މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.