01 Apr 2020, 05:25
މާދަމާއިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު އިމާރާތް ކުރުމުގެ އެއްވެސް ކަހަލަ މަސައްކަތެއް ކުރުން މަނާކޮށްފިއެވެ.
ދުނިޔޭގައި ބާރު މިނުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ވަނީ ބާރުތަކެއް ދީފައެވެ.
އެ ބާރުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިއަދު ފަތިހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ފެށިގެން ހެނދުނު 06:00 ދެމެދު، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ހިންގަމުންދާ އިމާރާތް ކުރުމުގެ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް އަންގާ ކަމަށެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އަމުރަކާ ހިލާފުވުމަކީ ގާނޫނީ ކުށެކެވެ.
އޭޕްރީލް ދެވަނަ ދުވަހުން ފެށިގެން ކޮންްމެ ދުވަހަކު ތިން ގަޑިއިރަށް މާލެ ސިޓީގެ މަގުތަކަށް އާންމުން ނުކުތުމާއި، އުޅަނދު ފަހަރު ދުއްވުން މަނާކުރަން ވެސް ވަނީ ނިންމައިފައެވެ.
ކޮވިޑް 19 އަހަށް މިހާތަނަށް ރާއްޖެއިން 18 މީހަކު ޕޮސިޓިވް ވެފައިވާ ވާއިރު އޭގެތެރޭގައި ތިން ދިވެހިން ހިމެނެ އެވެ. ކޮމިއުނިޓީ ސްޕްރެޑް ރާއްޖޭގައި އަދި ނެތް ނަމަވެސް އެފަދަ ހާލަތެއް އަތުވެދާނެ ކަމަށް ލަފާކޮށް ސިއްހީ މާހިރުން ދަނީ ކުރިއާލާ ފިޔަވަޅުތައް އަޅަމުންނެވެ.