15 Dec 2011, 13:05
އައިޖީއެމްއެޗްގައި ސްޓްރަލައިޒް ކުރުމަށް ބޭނުން ކުރަމުން އައި މެޝިނަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ހޮސްޕިޓަލްގެ ޝެޑިއުލް އޮޕަރޭޝަންތައް ކުރުން ދެ ދުވަހަށް މެދުކަނޑާލުމަށް ފަހު އަލުން އެ ހިދުމަތް ދޭން ފަށައިފި އެވެ.
އައިޖީއެމްއެޗުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ހުއްޓާލާފައި އޮތް ޝެޑިއުލް އޮޕަރޭޝަންތައް ހުއްޓާލާފައި އޮތުމަށް ފަހު އަންގާރަ ދުވަހު އަލުން އެހިދުމަތް ދޭން ފަށާފައިވާ ކަމަށާއި އެ ހިދުމަތް ދޭން އަލުންފެށީ ސްޓްރަލައިޒް ކުރާ އާ މެޝިނެއް ހޯދައިގެން ކަމަށެވެ. އަދި މިހާރު ކުރިއެކޭ ވެސް އެގޮތަށް އެ ހިދުމަތް ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހިދުމަތް މެދުކެނޑިފައި ހުރި ދެ ދުވަހު ޝެޑިއުލްކޮށްފައިވާ އޮޕަރޭޝަންތައް އިއްޔެ ވަނީ ނިމިފައި،" އޮފިޝަލް ވިދާޅުވި އެވެ.
އައިޖީއެމްއެޗުން ކުރިން ބުނެފައި ވަނީ އެ ހިދުމަތް މެދުކަނޑާލާފައި ވަނީ މެޝިންގައި ސްޓްރަލައިޒް ކުރުމުގެ މައްސަލަތަކެއް ހުރުމުން ބަލި މީހުންނަށް ދިމާވެދާނެ ނުރައްކާތެރިކަމަކުން ސަލާމަތް ވުމަށް ކަމަށެވެ.