15 Dec 2011, 12:16
އައްޑޫ ސިޓީގެ ބައެއް ސްކޫލްތަކުގެ ތެރެއިން ދެ ސްކޫލެއްގެ ނަން ބަދަލުކޮށްފި އެވެ.
މުހިއްބުއްދީން ސްކޫލާއި ސ. އަތޮޅު ތައުލީމީ މަރުކަޒްގެ ނަން ބަދަލުކުރީ ޝަރަފުއްދީން ސްކޫލްގެ ނަމަށެވެ. ނަން ބަދަލުކުރުމަށް ފަހު އެ ދެ ސްކޫލް ވަނީ އެއް ސްކޫލަކަށް ބަދަލުކޮށް އަހަރުން ފެށިގެން ގްރޭޑުން އެކަކުން ފެށިގެން 10 އަކާ ހަމައަށް ކިޔައިވައިދޭ ގޮތަށް ވެސް ވަނީ ހަމަޖައްސއިފަ އެވެ.
އައްޑޫ ސިޓީގެ މޭޔަރު އަބުދުﷲ ސޯދިގު( ސޯބެ) މިއަދު ވިދާޅުވީ ސިޓީއަކަށް އައްޑޫ ބަދަލުވުމާ ގުޅިގެން ކުރިން އެކި ރަށްރަށުގެ ނަމުގައި ސްކޫލްތަކަށް ދީފައިވާ ނަންތައް ސިޓީ ކައުންސިލާއި އައްޑޫގެ އެޑިޔުކޭޝަން ޔުނިޓާއި ސްކޫލް ބޯޑްތަކާއި މަޝްވަރާކުރުމަށް ފަހު ނަންތައް ބަދަލު ކުރަން ނިންމީ ކަމަށެވެ.
"ކުރިއަށް އޮތްތާގައި ފޭދޫ ސްކޫލާއި، ހިތަދޫ ސްކޫލްގެ ނަން ވެސް ބަދަލުވެގެން ދާނެ. މިހާރު މަޝަވަރާކުރެވެމުން އެބަދޭ އެ ދެ ސްކޫލްގެ ނަން ބަދަލު ކުރަން،" ސޯބެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިތަދޫ ސްކޫލްގެ ނަން ބަދަލުވެގެން ދާނީ އައްޑޫ އިންގްލިޝް ސްކޫލުގެ ނަމަށެވެ. ނަމަވެސް ފޭދޫ ސްކޫލަށް ކިޔާނަމެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށާއި ފޭދު ސްކޫލް ބޯޑުގައި އެ ސްކޫލަށް ކިޔާނެ ނަމަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ސޯބެ ވިދާޅުވީ ސްކޫލްތަކުގެ ނަން ބަދަލު ކުރުމަށް ފަހު ބައެއް ސްކޫލްތައް އެއްކޮށްލުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްގެންދަން ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެގޮތުން 2013 ވަނަ އަހަރުގެ ކުރިން އައްޑޫސިޓީގެ ހުޅުދޫ އަވަށުގެ ހުޅުދޫ ސްކޫލާއި ޝަމުޝުއްދީން ސްކޫލާއި އަތޮޅު މަދަރުސާ އެއް ސްކޫލަކަށް ބަދަލުކުރަން ވަނީ ނިންމާފަ އެވެ.
"މިހާތަނަށް މަޝްވަރާ ކުރެވުނު ގޮތުން އެ ތިން ސްކޫލް އެއް ސްކޫލަށް ބަދަލުކުރުމަށް ފަހު ބަހާއުއްދީން ސްކޫލް ކިޔަން މަޝްވަރާކުރެވިފައި ވަނީ،" ސޯބެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައްޑޫ ސިޓީގެ ބައެއް ސްކޫލްތަކަކީ ދަރިވަރުން ވަރަށް މަދު ސްކޫލްތަކަށް ވުމާއެކު މަދު ދަރިވަރުން ކިޔަވަމުންގެންދާ ސްކޫލްތައް ބޮޑެތި ސްކޫލްތަކާ އެއްކޮށްލުމަށް ފަހު ރަނގަޅު ތައުލީމީ ހިދުމަތާއި ދަރިވަރުންނަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމްކުރުމުގެ މަސައްކަތް 2013ގެ ކުރިން ފައްޓަވާނެ ކަމަށެވެ.
ސްކޫލަތަކުގެ ނަން ބަދަލުކުރުމުން ބައެއް ބެލެނިވެރިންނަށް ކުރަން ޖެހޭ ހަރަދުތައް ބޮޑުވާނެ ކަމަށް ފާހަގަކުރެވޭތީ ނަން ބަދަލުކުރެވުނު ސްކޫލްތަކުގެ ދަރިވަރުންނަށް ޔުނީފޯމާއި ބެޖް އެއް އަހަރުގެ ދުވަހުގެ ތެރޭގައި ބަދަލު ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށް ވެސް ސޯބެ ވިދާޅުވި އެވެ.
"ނަން ބަދަލުކުރި ސްކޫލަތަކުގައި މިހާރު ކިޔަވަމުންދާ ދަރިވަރުން ކުރިން ވެސް އެކުދިން ބޭނުންކުރި ޔުނީފޯމާއި ސްޕޯޓްސް ޔުނީފޯމް މިއަހަރު ބޭނުން ކުރެވޭނެ" އޭނާ ވިދާޅުވި އެވެ.