15 Dec 2011, 12:08
މިއަހަރުގެ ކުރީކޮޅު ހުޅުވި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ސީޕީއައި ފައިނޭންޝަލް އިން ހޮވި "ބެސްޓް ނިއު ބޭންކް" ގެ އެވޯޑު ލިބިއްޖެ އެވެ.
ފުޅާ ދާއިރާއެއްގައި މެދުއިރުމަތީގެ އިޤްތިޞާދީ ޚަބަރުތައް ގެނެސްދޭ އެޖެންސީ، ސީޕީއައި ފައިނޭންޝަލްއިން އަހަރަކު އެއްފަހަރު އިސްލާމީ މާލީ އިދާރާތަކަށް ދޭ އެ އެވޯޑުތައް ހަވާލުކުރުމުގެ ހަފުލާ ބޭއްވީ އަންގާރަ ދުވަހުގެރޭ ދުބާއީގަ އެވެ.
އެމްއައިބީގެ ފަރާތުން އެ އެވޯޑާއި ހަވާލުވެ ލެއްވީ އެ ބޭންކުގެ މެނޭޖިންގ ޑިރެކްޓަރު ހާރިސް ހާރޫނު ކަމަށް އެމްއައިބީން ބުންޏެވެ.
އެ ހަފްލާއަށް ފަހު ހާރިސް ހާރޫން ވިދާޅުވީ އެ އެވޯޑުގެ ސަބަބުން ބޭންކް އިތުރަށް ހަރުދަނާކޮށް ރާއްޖޭގެ ފެންވަރުގައި ފާހަގަ ކުރެވޭފަދަ ބޭންކަކަށް ހެދުމަށް ވަރަށް ބޮޑު ހިތްވަރު ލިބިފައިވާ ކަމަށެވެ.
" އަދި މިއީ މުވައްޒަފުންގެ ބުރަ މަސައްކަތް ހާމަކޮށްދޭ އެވޯޑެއް. މި ފުރުސަތުގައި އަހަރުމެންގެ ކަސްޓަމަރުންނަށާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ބޯޑް އޮފް ޑިރެކްޓަރުންނަށް ވެސް ޚާއްޞަ ޝުކުރެއް ދަންނަވަން،" ރާއްޖޭގައި ހުރި ހަމަ އެކަނި އިސްލާމިކް ބޭންކުގެ އެމްޑީ، ހާރިސް ހާރޫން ވިދާޅުވި އެވެ.
އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ހިންގާ މުޢައްޞަޞާތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެ އެވޯޑުތައް އެވޯޑުކުރަނީ ސީޕީއައި ފައިނޭންޝަލް ނޫހަށް ރަޖިސްޓްރީކުރާ ކިޔުންތެރިންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
އެމްއައިބީގެ ނަން ސީޕީއައިގެ އެވޯޑަށް ހުށަހެޅީ ބައިނަލްއަޤްވާމީ ފަނޑިޔާރުންތަކެއް ހިމެނޭ ޕެނަލަކުންނެވެ.