ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މާލެ އަދި ވިލިމާލެ ކުނި ކަހަން 200 މީހުން ހޯދަން އިއްޔެ ކުރި އިއުލާނު ބާތިލުކޮށްފި އެވެ.

ވެމްކޯ އިން ބުނީ އެ އިއުލާނު ކެންސަލް ކުރަން ޖެހުނީ ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން އެ ކޯޕަރޭޝަނުގެ މަގާމުތަކަށް މުވައްޒަފުން ނެގުން މިވަގުތަށް މަޑުޖައްސާލަން ނިންމުމުން ކަމަށެވެ.

ހަމައެއާ އެކު 200 ވަޒީފާއަށް މީހުން އިންޓަވިއު ކުރުމަކީ ގިނަ ވަގުތުތަކެއް ހޭދަވާނެ ކަމަކަށް ވުމުގެ އިތުރުން ގިނަ އަދަދެއްގެ އާންމުން އެއްތަނަކަށް ޖަމާކޮށްގެން އިންޓަވިއު ކުރުމަކީ މި ދުވަސްވަރު ރަނގަޅު ކަމެއް ނޫން ކަމަށް ސިއްހީ މާހިރުން ވެސް އިރުޝާދު ދީފައިވާ ކަމަށް ވެމްކޯއިން ބުނެ އެވެ.

އެއާއެކު އެ މަގާމަށް ކުރިމަތިލާން އެދި ހުށަހަޅާފައިވާ ހުރިހާ ފޯމެއް ވަނީ ބާތިލުކޮށްފަ އެވެ. އަދި އެކަމަށް ޓަކައި ފޯމު ހުށަހެޅި މީހުންގެ ފަރާތުން ވެމްކޯ އިން ވަނީ މައާފަށް އެދިފަ އެވެ.

ކޮވިޑް19ގެ ހާލަތު ބަދަލުވުމާއެކު އަލުން އެމަގާމަށް ކުރިމަތިލާން ހުޅުވާލާނެ ކަމަށް ވެސް ވެމްކޯއިން ބުނެ އެވެ.