15 Dec 2011, 11:47
އައްޑޫ ސިޓީގެ ބައެއް ސްކޫލްތަކުގެ ތެރެއިން ދެ ސްކޫލެއްގެ ނަން ބަދަލުކޮށްފި އެވެ.
މުހިއްބުއްދީން ސްކޫލާއި ސ. އަތޮޅު ތައުލީމީ މަރުކަޒްގެ ނަން ބަދަލުކުރީ ޝަރަފުއްދީން ސްކޫލްގެ ނަމަށެވެ. އަދި އެ ދެ ސްކޫލް ވަނީ ނަން ބަދަލުކުރުމަށް ފަހު އެއް ސްކޫލަކަށް ބަދަލުކޮށްފަ އެވެ.
އެ ދެ ސްކުލްގައި މިއަންނަ އަހަރުން ފެށިގެން އެއް ވަނަ ގްރޭޑުން ފެށިގެން 10 ވަނަ ގްރޭޑާ ހަމައަށް ކިޔައިވައިދޭ ގޮތަށް ވެސް ވަނީ ހަމަޖައްސއިފަ އެވެ.
އައްޑޫ ސިޓީގެ މޭޔަރު އަބުދުﷲ ސޯދިގު( ސޯބެ) މިއަދު ވިދާޅުވީ އައްޑޫ ސިޓީއަކަށް ބަދަލްވުމާ ގުޅިގެން ކުރިން އެކި ރަށްރަށުގެ ނަމުގައި ސްކޫލްތަކަށް ދީފައިވާ ނަންތައް ސިޓީ ކައުންސިލާއި އައްޑޫގެ އެޑިޔުކޭޝަން ޔުނިޓާއި ސްކޫލް ބޯޑްތަކާއި މަޝްވަރާކުރުމަށް ފަހު ނަންތައް ބަދަލު ކުރަން ނިންމީ ކަމަށެވެ.
"ކުރިއަށް އޮތްތާގައި ފޭދޫ ސްކޫލާއި، ހިތަދޫ ސްކޫލްގެ ނަން ވެސް ބަދަލްވެގެން ދާނެ. މިހާރު މަޝަވަރާކުރެވެމުން އެބަދޭ އެ ދެ ސްކޫލްގެ ނަން ބަދަލު ކުރުމުގެ މަޝްވަރާތައް،" ސޯބެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިތަދޫ ސްކޫލްގެ ނަން ބަދަލުވެގެން ދާނީ އައްޑޫ އިންގުލިޝް ސްކޫލުގެ ނަމަށެވެ. ނަމަވެސް ފޭދޫ ސްކޫލަށް ކިޔާނަމެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށާއި ފޭދު ސްކޫލް ބޯޑުގައި އެ ސްކޫލަށް ކިޔާނެ ނަމަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ސޯބެ ވިދާޅުވީ ސްކޫލްތަކުގެ ނަން ބަދަލު ކުރުމަށް ފަހު ބައެއް ސްކޫލްތައް އެއްކޮށްލުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްގެންދަން ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެގޮތުން 2013 ވަނަ އަހަރުގެ ކުރިން އައްޑޫސިޓީގެ ހުޅުދޫ އަވަށުގެ ހުޅުދޫ ސްކޫލާއި ޝަމުޝުއްދީން ސްކޫލާއި އަތޮޅު މަދަރުސާ އެއް ސްކޫލަކަށް ބަދަލްކުރަން ނިންމާފައިވާ ކަމަށެވެ.
"މިހާތަނަށް މަޝްވަރާ ކުރެވުނު ގޮތުން އެ ތިން ސްކޫލް އެއް ސްކޫލަށް ބަދަލްކުރުމަށް ފަހު ބަހާއުއްދީން ސްކޫލް ކިޔަން މަޝްވަރާކުރެވިފައި ވަނީ،" ސޯދިގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައްޑޫ ސިޓީގެ ބައެއް ސްކޫލްތަކަކީ ދަރިވަރުން ވަރަށް މަދު ސްކޫލްތަކަށް ވުމާ އެކު މަދު ދަރިވަރުން ކިޔަވަމުންގެންދާ ސްކޫލްތައް ބޮޑެތި ސްކޫލްތަކާ އެއްކޮށްލުމަށް ފަހު ރަނގަޅު ތައުލީމީ ހިދުމަތާއި ދަރިވަރުންނަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމްކުރުމުގެ މަސައްކަތް 2013ގެ ކުރިން ފައްޓަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްކޫލަތަކުގެ ނަން ބަދަލުކުރުމުން ބައެއް ބެލެނިވެރިންނަށް ކުރަން ޖެހޭ ހަރަދުތައް ބޮޑުވާނެ ކަމަށް ފާހަގަކުރެވޭތީ ނަން ބަދަލުކުރެވުނު ސްކޫލްތަކުގެ ދަރިވަރުންނަށް ޔުނީފޯމާއި ބެޖް އެއް އަހަރުގެ ދުވަހުގެ ތެރޭގައި ބަދަލު ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށް ސޯދިގު ވިދާޅުވި އެވެ.
"ނަން ބަދަލުކުރި ސްކޫލަތަކުގައި މިހާރު ކިޔަވަމުންދާ ދަރިވަރުން ކުރިން ވެސް އެކުދިން ބޭނުންކުރި ޔުނީފޯމާއި ސްޕޯޓްސް ޔުނީފޯމް މިއަހަރު ބޭނުންކުރެވޭނެ" ސޯދިގު ވިދާޅުވި އެވެ.
ނަމަވެސް ބެލެނިވެރިން ބޭނުން ނަމަ މިހާރު ނަން ބަދަލުކުރި ސްކޫލްތަކުގެ ޔުނީފޯމް ވެސް އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭ އިރު ބޭނުންކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.