31 Mar 2020, 13:53
ކޮވިޑް-19 އާ ގުޅިގެން ސިލްސިލާކޮށް ކޮންމެ ދުވަހެއްގެ މެންދުރު ފަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކޮށް މިރޭ އެ ބައްދަލުވުން ބޭއްވުމަށް ނިންމައިފި އެވެ.
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާ ގުޅިގެން ސަރުކާރާއި އިތުރު މުއައްސަސާތަކުން ކުރަމުން ގެންދާ މަސައްކަތްތަކާއި ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ކޮންމެ ދުވަހެއްގެ ދެ އިރެެއްގައި އާންމުގޮތެއްގައި ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެންދެ އެވެ.
އެގޮތުން ދުވާލު ދަންފަޅީގެ ނޫސްވެރިންގެ ބައްދަލުވުން އާންމުކޮށް ކުރިއަށް ގެންދާނީ 1430 ގަ އެވެ. ނަމަވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެ ބުނެފައި ވަނީ މިއަދުގެ މެންދުރު ފަހުގެ ނޫސްވެރިންގެ ބައްދަލުވުން ލަސްކޮށްފައިވާ ކަމަށެވެ. އަދި އެ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްދާނީ މިރޭ 2100 ގައި ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
ކޮރޯނާވައިރަސް އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެޑައިންނަވާނީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ކޮވިޑް-19އާ ގުޅޭ ކަންކަމުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒެވެ.
ކޮވިޑް-19 އާ ގުޅޭ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވަނީ މާދަމާ ސަރުކާރުން އިންޓަނެޓުގެ އަގަށް ގެންނާނެ ބަދަލުތައް އިއުލާނު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖެ އިން މިހާތަނަށް 18 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ އިިރު، އޭގެ ތެރޭގައި ބަލި ޖެހިފައިވާކަން ދެނެނުގަނެވި އުޅެނިކޮށް ރާއްޖެއިން ފުރައިގެން ދިޔަ އިޓަލީގެ ދެ ފަތުރުވެރިން ވެސް ހިމެނެ އެވެ.
ރާއްޖޭގައި ތިބި މީހުންގެ ތެރެއިން 13 ބިދޭސީން ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ. މިހާރު ފަރުވާ ދެމުން އަންނަނީ ދެ ދިވެހިންނަށެވެ.