15 Dec 2011, 11:19
ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނުމުން ޑިފެންސް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި އަމީން ފައިސަލްގެ ކުށުގެ ރިކޯޑާއި ތައުލީމީ ސެޓްފިކެޓްތަކުގެ ވަނަވަރު މަޖިލީހަށް ހުށަހެޅުމުން އޭނާ އިންޑިއާ ސަފީރު ކަމަށް ކަނޑައެޅުމަށް ފެންނަ ކަމަށް ގައުމީ ސަލާމަތުގެ ކޮމެޓީން ނިންމައިފި އެވެ.
ސަރުކާރު ހިންގާ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ގައުމީ ސަލާމަތުގެ ކޮމެޓީ އިން އަމީން ފައިސަލަށް ރުހުން ދިނުމަށް ނިންމީ އިއްޔެ ބޭއްވި ގައުމީ ސަލާމަތުގެ ކޮމެޓީގެ ޖަލްސާ އަށް ހާޒިރުވި ހަ މެންބަރުންގެ އިއްތިފާގުންނެވެ. އޭނާއާ އެކު ސަފީރުކަމަށް ކޮމެޓީން ރުހުން ދިން ހަތަރު ބޭފުޅުންގެ ވެސް ކުށުގެ އެއްވެސް ރެކޯޑެއް ނެތް ކަމަށް ކޮމެޓީގެ މުގައްރިރު އަލީ ވަހީދު އިއްޔެ ވިދާޅުވި އެވެ.
"ސަފީރުކަމުގެ މައްސަލަތަކާ މެދު އިއުތިރާޒު ކުރާނެ މެންބަރަކު ނެތުމުން، ހުރިހާ މެންބަރުންގެ އިއްތިފާގުން ސަފީރުންގެ މައްސަލަތައް ދިރާސާކޮށް، ]ރުހުންދިނުމަށް ނިންމައި[ މަޖިލީހުގެ ތަޅުމަށް ހުށަހަޅާނަން،" ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވި އެވެ.
އަމީން ފައިސަލާ އެކު ސަފީރު ކަމަށް ރުހުން ދޭން ކޮމެޓީން ނިންމި ހަތަރު ބޭފުޅުންނަކީ އަހުމަދު ޒަރީރު އެމެރިކާގެ ސަފީރު ކަމަށް ކަނޑައެޅުމަށާއި މުހައްމަދު ހަލީލް ބަންގްލަދޭޝްގެ ސަފީރު ކަމަށް ހަމަޖެއްސުމަށާއި އަދި އިބްރާހިމް ދީދީ (މޮޑީ) ސިންގަޕޫރުގެ ސަފީރު ކަމަށް ކަނޑައެޅުމަށެވެ. އަދި ޔޫއޭއީގެ ސަފީރު ކަމަށް ށ. މާއުނގޫދޫ ކަރަންކާގޭ އަހުމަދު ރަޝީދަށް ރުހުން ދިނުމަށް ވެސް ނިންމާފައިވެ އެވެ.
ސަފީރުންގެ މައްސަލަ ދިރާސާ ކުރުމަށް ކޮމެޓީގައި ގިނަ ދުވަސްތަކެއް ހޭދަވި އެވެ. އެއީ ފަސް ސަފީރުންނަށް ރުހުން ދިނުމަށް ރައީސް ނަޝީދު މަޖިލީހަށް ފޮނުވި އިރު އެބޭފުޅުންގެ ތައުލީމީ ސެޓްފިކެޓްތަކުގެ ވަނަވަރު ފޮނުވާފައި ނުވުމުންނެވެ. އަދި ކުށުގެ ރެކޯޑް ބަލާފައި ނުވުމުންނެވެ.