ކޮރޮނާވައިރަސް ނުވަތަ ކޮވިޑް19 އަށް ޕޮޒިޓިވްވި އިނގިރޭސީވިލާތުން އައި ދެ ދިވެހިންނާ ގުޅިގެން 34 މީހަކު ކަރަންޓިންކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.

އޭގެ ތެރެއިން ބައެއް މީހުން ކަރަންޓީންކޮށްފައިވަނީ ގޭގައި އެވެ. އަދި ދެން ތިބި މީހުން ކަރަންޓީންކޮށްފައިވަނީ ސަރުކާރުން ގައިމުކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، އެ ދެ ކޭސްއާ ގުޅިގެން 77 މީހެއްގެ ކޮންޓެކްޓް ޓްރޭސިން ހަދާފައިވާ ކަމަށެވެ. އެގޮޮތުން ރާއްޖެއިން 16 ވަނައަށް ޕޮޒިޓިވްވި ދިވެހި މީހާއާ ގުޅިގެން 29 މީހަކު ކޮންޓެކްޓް ޓްރޭސްވެފައިވާއިރު، އެ އެންމެންވެސް ތިބީ ގޭގައި ކަރަންޓިންކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ސަތާރަ ވަނައަށް ޕޮޒިޓިވްވި މީހާއާ 48 މީހަކު ކޮންޓެކްޓް ޓްރޭސްވެފައިވާއިރު، ކަރަންޓީން ފެސިލިޓީތަކުގައި އާއި ގޭގައި ޖުމްލަ ފަސް މީހަކު ކަރަންޓިންކޮށްފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި އޭގެ އިތުރުން އެ ކޭހާ ގުޅިގެން އިތުރު ފަސް މީހަކު ގޭގައި އެކަހެރިކުރެވިފައިވާ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ، 17 ވަނަ އަށް ޕޮޒިޓިވްވި މީހާއާ އެއް ކޮޓަރީގައި ހުރި މީހާގެ ސާމްޕަލް މިއަދު ހަވީރުގެ ވަގުތެއްގައި ނަމަގާފައިވާ ކަމަށެވެ.

ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖޭގައި މިވަގުތު ތިބީ 15 މީހުންނެވެ. ދެމީހުންނަކީ، ފުރައިގެން ދިޔަފަހުން ޕޮޒިޓިވްވިކަން އެނގުނު އިޓަލީގެ ދެފަތުރުވެރިންނެވެ. ރާއްޖޭގައި ތިބި މީހުންގެ ތެރެއިން 13 ބިދޭސީން ވަނީ ވައިރަހުން ރަނގަޅުވެފައެވެ. ފަރުވާދެމުންދަނީ، ދިވެހި ދެ މީހުންނަށް އެކަންޏެވެ.

ޖުމްލަ ކަރަންޓިންގައި މިވަގުތު ތިބީ، 867 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ، 20 މީހުންނެވެ. މިހާރު ސަރުކާރުން ވަނީ ކަރަންޓިންކޮށްފައި ތިބި އެންމެން ޓެސްޓު ކުރުމަށް ނިންމާފައެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ މުރާދު ވިދާޅުވީ، ކަަރަންޓިން ކުރާ މީހުންގެ ސާމްޕަލް ނަގާނީ އެމީހުންގެ ކަރަންޓިނުގެ 14 ދުވަހުގެ މުއްދަތު ހަމަވުމުން ކަމަށެވެ. މިއާއެކު އިތުރު ދުވަސްތަކަށް މަޑުކުރަންވެސް ޖެހިދާނެ ކަމަށް މުރާދު ފާހަގަ ކުރެއްވިއެވެ.

"ކަރަންޓީންގެ 14 ދުވަސް ހަމަވުމުން، 15 ވަނަ ދުވަހު ޓެސްޓު ހަދާގޮތަށް އަޅުގަނޑުމެން ޕްލޭންކޮށްފައިވަނީ. [ކަރަންޓީންގައި ތިބި މީހުން] މަޑުކުރަން ޖެހޭ ތަންކޮޅެއް އައިސްދާނެ ޓެސްޓު ނަތީޖާއަށް،" ޑރ. މުރާދު ވިދާޅުވިއެވެ.

ޑރ. މުރާދު ވިދާޅުވީ، ވަރަށް ގިނަ ސާމްޕަލްތައް އެއްފަހަރާ ފޮނުވަން ޖެހޭއިރު، ނަތީޖާ ލިބުމުމުގައި ލަސްތަކެއް ދިމާވެދާނެ ކަމަށެވެ. އެހެން ނޫނީ، ސާމްޕަލް ނަގާ ދުވަހު ސާމްޕަލް ފޮނުވޭ އަދަދަކަށް ބިނާކޮށް އެއްދުވަސްތެރޭ ނަތީޖާ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ގިނައިން ސާމްޕަލް ފޮނުވަން ޖެހޭ ހާލަތްތަކުގައި ނަތީޖާ ލިބުމުގައި އެއްދުވަހުގެ ލަސްވުމެއް އައިސްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން 1093 ސާމްޕަލް ޓެސްޓު ކުރިއިރު، 1065 މީހަކު ވައިރަހަށް ނެގަޓިވްވެފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. ޕޮޒިޓިވްވި މީހުންގެ އަދަދު 17 ގައި އޮތް އިރު، ނަތީޖާ ނުލިބޭ ސާމްޕަލް ތަކުގެ އަދަކީ 17 އެވެ.