15 Dec 2011, 10:52
އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން އަބޫދާބީގެ ޖަމިއްޔާއަކުން ދޭ "ޒައިދް ފިއުޗާ އެނާޖީ ޕްރައިޒް"ގެ ފަނޑިޔާރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފި އެވެ.
"ޒައިދް ފިއުޗާ އެނާޖީ ޕްރައިޒް" މިއަހަރު ހާސިލްކުރާ ފަރާތްތައް ކަނަޑައެޅުއްވުމަށް އިއްޔެ ޔޫއޭއީގެ އަބޫދާބީގައި ބޭއްވެވި ފަނޑިޔާރުންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަތީ އެއިނާމުގެ ފަނޑިޔާރަކަށް ވެވަޑައިގަތުމަށް އެދި އެފަރާތުން ރައީސް އަށް އެރުވި ދައުވަތަކަށެވެ.
ރައީސް ނަޝީދުގެ މިދަތުރުފުޅަކީ ވެސް އެފަރާތުން ރައީސް އަށް އެރުވި ދައުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
"ޒައިދް ފިއުޗާ އެނާޖީ ޕްރައިޒް" އަކީ، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ބާރުއަޅައި، އެކަމަށް ހިތްވަރުދިނުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ދެމުން ގެންދާ އިނާމެކެވެ. އިއްޔެ ބޭއްވި އެޖަމިއްޔާގެ ފަނޑިޔާރުންގެ ބައްދަލުވުމަށް ފަހު، ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ ޕެނަލުން ވަނީ ނޫސްވެރިންނާ ބައްދަލުކޮށްފަ އެވެ.