ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19 ގެ ސަބަބުން އާންމުންނަށް ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް، ބީއެމްއެލްއިން އަޅަމުން ދާ ފިޔަވަޅުތަކުގެ ތެރެއިން، ސްޓޫޑެންޓް ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް އެ ބޭންކުން ފަސްކޮށްދީފި އެވެ.

އެކަން އިއުލާންކޮށް ބީއެމްއެލް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ސްޓޫޑަންޓް ލޯނުތަކަށް ފައިސާ ދެއްކުން މި ހިނގާ މާޗް މަހުން ފެށިގެން ހަ މަސް ދުވަހަށް ފަސްކޮ ދީފައިވާ ކަމަށެވެ. އަދި ލޯނު ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތައްވެސް ހަ މަސް ދުވަސް އިތުރު ކޮށްދީފައިވާ ކަމަށް ވެސް ބޭންކުން ބުންޏެވެ.

ބޭންކުން ބުނި ގޮތުގައި ލޯނުގެ ބާކީ އޮންނަ މުއްދަތުގައި މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ވެސް އިތުރެއް ނުވާނެ އެވެ. އަދި ބުނީ ސްޓޫޑެންޓް ލޯނު ލަސްކުރުމަށް ބޭންކުގައި އެދެން ނުޖެހޭނެ ކަމަށާއި އެކަން ހަމަޖެއްސުމުގެ އެންމެހާ މަސައްކަތްތައް ކުރަމުންދާނީ ބޭންކުގެ ފަރާތުން ކަމަށެވެ.

ހަޔާ އެޑިޔުކޭޝަނުން މިނިސްޓްރީއިން މީގެ ކުރިން އިއުލާންކޮށްފައިވާ ގޮތުގައި، ބީއެމްއެލް މެދުވެރިކޮށް، ދޫކޮށްފައިވާ ނެޝަނަލް ސްޓޫޑަންޓް ލޯނުތައް އަދި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނުތަކަށް އަނބުރާ ފައިސާ ދައްކަން ޖެހޭ މުއްދަތު ފަސްކޮށްދޭނެ އެވެ.

ބީއެމްއެލްއިން މިދިޔަ ހަފްތާ އާންމުކޮށްފައިވާ ގޮތުގައި، އާންމު ފަރުދުންނާއި ވިޔަފާރިތަކުން އެ ބޭންކުން ނަގާފައިވާ ލޯނުތައް ދެއްކުން ހަމަ މަހަށް ވަނީ ފަސްކޮށްފަ އެވެ. އަދި އެ ލޯނުތައް ދެއްކުމަށް އިތުރު ހަ މަސްދުވަސް ލިބުމާ އެކު، ކޮމްޕައުންޑް އިންޓަރެސްޓް އެ މުއްދަތުގައި ނުނަގާނެ ކަމަށް ވެސް ބޭންކުން ވަނީ ހާމަކޮށްފަ އެވެ.