ހުޅުމާލޭ ފަޅުތެރޭ އޮތް ސަފާރީއެއްގައި ހުރި ދިވެއްސަކު ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، "މޯލްޑިވިއަން ސަފާރީ" ނަމަކަށް ކިޔާ ސަފާރީއެއްގައި ހުރި ދިވެއްސެއްގެ ކިބައިން ކޮރޯނާވައިރަހަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން އެ ސަފާރީ މިހާރު މޮނީޓަރިންގެ ހާލަތައް ގެނެވިފައިވާ ކަމަށެވެ.

މަބްރޫކު ވިދާޅުވީ، އެ ސަފާރީގައި އެ ދިވެހި މީހާގެ އިތުރުން، އިތުރު ހަތަރު ދިވެއްސަކާއި ހަ ބިދޭސީއަކު އެބަތިބި ކަމަށެވެ. އަދި މިހާރު ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަފާރީއާ ގުޅޭ އިތުރު މައުލޫމާތެއް މަބްރޫކު ހާމައެއް ނުކުރައްވައެވެ.

މަބްރޫކު ވިދާޅުވި ގޮތުގައި އެ ސަފާރީގެ އިތުުރުން، އިތުރު ހަތަރު ސަފާރީއެއް މޮނީޓަރިންގެ ހާލަތުގައި އަދިވެސް އެބައޮތެވެ. އެއީ ވީއެސްޖީ ގްލޯރީ ކާގޯ، އާކް ނޯވަލް ސަފާރީ، އެސްވައި ސްޓާސް ސަފާރީ އަދި އައިލެންޑް ސަފާރީއެވެ.

މިހާތަނަށް ރާއްޖެއިން 1093 ސާމްޕަލް ޓެސްޓު ކުރިއިރު، 1065 މީހަކު ވައިރަހަށް ނެގަޓިވްވެފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. ޕޮޒިޓިވްވި މީހުންގެ އަދަދު 17 ގައި އޮތް އިރު، ނަތީޖާ ނުލިބޭ ސާމްޕަލް ތަކުގެ އަދަކީ 17 ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖޭގައި މިވަގުތު ތިބީ 15 މީހުންނެވެ. ދެމީހުންނަކީ، ފުރައިގެން ދިޔަފަހުން ޕޮޒިޓިވިކަން އެނގުނު އިޓަލީގެ ދެފަތުރުވެރިންނެވެ. ރާއްޖޭގައި ތިބި މީހުންގެ ތެރެއިން 13 ބިދޭސީން ވަނީ ވައިރަހުން ރަނގަޅުވެފައެވެ. ފަރުވާދެމުންދަނީ، ދިވެހި ދެ މީހަކަށެވެ. އެ ދެމީހުންނަކީވެސް އިނގިރޭސީ ވިލާތުން އައި ދެމީހުންނެވެ.

ޖުމްލަ ކަރަންޓިންގައި މިވަގުތު ތިބީ، 867 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ، 20 މީހުންނެވެ. މިހާރު ސަރުކާރުން ވަނީ ކަރަންޓިންކޮށްފައި ތިބި އެންމެން ޓެސްޓު ކުރުމަށް ނިންމާފައެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ މުރާދު ވިދާޅުވީ، ކަަރަންޓިން ކުރާ މީހުންގެ ސާމްޕަލް ނަގާނީ އެމީހުންގެ ކަރަންޓިނުގެ 14 ދުވަހުގެ މުއްދަތު ހަމަވުމުން ކަމަށެވެ. މިއާއެކު އިތުރު ދުވަސްތަކަށް މަޑުކުރަންވެސް ޖެހިދާނެ ކަމަށް މުރާދު ފާހަގަ ކުރެއްވިއެވެ.

"ކަރަންޓީންގެ 14 ދުވަސް ހަމަވުމުން، 15 ވަނަ ދުވަހު ޓެސްޓު ހަދާގޮތަށް އަޅުގަނޑުމެން ޕްލޭންކޮށްފައިވަނީ. [ކަރަންޓީންގައި ތިބި މީހުން] މަޑުކުރަން ޖެހޭ ތަންކޮޅެއް އައިސްދާނެ ޓެސްޓު ނަތީޖާއަށް،" ޑރ. މުރާދު ވިދާޅުވިއެވެ.

ޑރ. މުރާދު ވިދާޅުވީ، ވަރަށް ގިނަ ސާމްޕަލްތައް އެއްފަހަރާ ފޮނުވަން ޖެހޭއިރު، ނަތީޖާ ލިބުމުމުގައި ލަސްތަކެއް ދިމާވެދާނެ ކަމަށެވެ. އެހެން ނޫނީ، ސާމްޕަލް ނަގާ ދުވަހު ސާމްޕަލް ފޮނުވޭ އަދަދަކަށް ބިނާކޮށް އެއްދުވަސްތެރޭ ނަތީޖާ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ގިނައިން ސާމްޕަލް ފޮނުވަން ޖެހޭ ހާލަތްތަކުގައި ނަތީޖާ ލިބުމުގައި އެއްދުވަހުގެ ލަސްވުމެއް އައިސްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް 199 ގައުމަކުން 764,800އަށް ވުރެ ގިނަ މީހުން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 160,000 އަށްވުރެ ގިނަ މީހުން ވައިރަހުން ރަނގަޅުވިއިރު، 36,864 މީހުން ވަނީ މަރުވެފަ އެވެ.

ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެންމެ ގިނަ އަދަކަށް މީހުން ޕޮޒިޓިވް ވެފައި ވަނީ އެމެރިކާ އިންނެވެ. މިއަދު އެކަނި އެގައުމުން 9,000އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވިއިރު، 234 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް 152,600އަށް ވުރެ ގިނަ މީހުން އެގައުމުން ޕޮޒިޓިވި އިރު، މަރުވި މީހުންގެ އަދަދަކީ، 2,817އެވެ.