15 Dec 2011, 10:18
ގުދޯ ގުދޯ ގޮވުމަކީ ތަންކޮޅެއްކުރީގައި ވަރަށްގިނަ ކަމެކޭ ބުނެވިދާނެއެވެ. ދެކެވޭ ވާހަކަތަކާއި ކުރެވޭ ޒުވާބުތަކުގައި "ތިގޮވަނީ ގުދޯ ގުދޯ އޭ " ބުނެލާއަޑު އޭރު އިވެއެވެ. އެއީ ކީއްވެގެންކިޔާ އެއްޗެއްތޯ ބެލިއިރު އެއީ ގުދުލާފައި ތިބޭމީހުން ދެރަކޮށްލުމުގެ ގޮތުން ގުދު ގެ ވާހަކަ ގޮވާލާގޮތެވެ. އެހެން ބުނާމީހާ އަކީ އެކަހަލަ ހަތްގުދު އޮތްމީހަކަށް ވެފައި އެއްމެ ގުދެއް އޮތްމީހަކާދިމާލަށް ގުދުލާފައި އޮތްވާހަކަ ބުނުމުން އެވަނީ ގުދޯ ގުދޯ ގޮވަނީ ކަމަށެވެ. މިއީ ގުދޯ ގުދޯ ގެ ފެށުންކަމުގައި ކުރިއްސުރެ ބެލެވިފައިވާ ގޮތެކެވެ. އެ ޖުމްލައިގެ އެތެރޭ މާނައެއްކަމުގައި ފަހުން ބެލިފައި މިވަނީ އެތަކެއް ގޯސްހަދާފައި ހުރިމީހަކު އެއްމެ ގޯހެއް ހެދި މީހަކާދިމާލަށް އެ މީހާއަކީ ގޯސްހަދާ މީހެކޭ ބުނާބުނުމަށެވެ. މަޖާޒީގޮތެއްގައި އެފަދަ ހުރިހާހާލަތެއްގައި" ގުދޯ ގުދޯ "ބަސް ބޭނުން ކުރެވެމުން އައީއެވެ. މިހާރުވެސް މަދުމަދުން ގުދޯގުދޯ ގޮވާ އަޑު އިވެއެވެ.
މިހަތަރު އަކުރުގެ ބަސް ކުރިމަތީގައި ލިޔެލާފައި ބަލައިލުމުން މިހާރު ހަމަ ގަދައަށް ހީގަނެވެއެވެ. ގުދު ގިނަކަމުން ނެވެ. ކުރިން ބުނެވިފައިއޮންނަނީ ހަތްގުދު އޮތް މީހެއްގެ ވާހަކައެވެ. މިހާރު އެއަދަދު މައްޗަށް ގޮސް އެއްފޮޅުވަތުގައި ޖަހަންޏާ ޖީއެސްޓީ ލައިގެނެއް ނުޖެހޭނެކަން ކަށަވަރެވެ. އެބުނާ ބިލެއްފާސްވެ ޑިއުޓީކަނޑާފައި ޖަހައިގެން ނޫނީ އެއަދަދު ފަސޭހައިން ކިޔާލެވޭވަރެއްވެސް ނޫނެވެ.
ކެޔޮކޭވަރު އެނގޭނީ ބިރުފަންގެ ނެގީމައޭ ކިޔައެވެ. މިހާރަކު ބިތެއް ނެތެވެ. ނަގާނެ ފަންގެއެއް ނެތި ކެޔޮކޭ ވަރު އެނގޭނެ ގޮތެއް ވެސް ނެތީއެވެ. އެހެންނޫނަސް ކެޔޮވަކެއްގެ އަގު ޖީއެސްޓީ އަށް ނުލިއަސް ފަސް ހަރުފިޔާ އެވެ. ވީއިރު ކެޔޮކެވޭނީ ދާދިމަދުބަޔަކަށެވެ. މުސާރައަށް ފަސްދޮޅަސް ހަތްދިހަ ހާސް ޖެހޭމީހުން ހަމަ އަރާމުގައި ކެޔޮކާނެއެވެ. ކެވޭނެ މެއެވެ. އެކަމަކު އެމީހުންކޭވަރު އަދަދު ބަލާކަށް ފަސޭހައެއްނުވާނެއެވެ. އެއީ ގިނައިން ކެޔޮކައިފާ ހުންނާނީ ރާއްޖޭންބޭރުގައި ކަމަށް ވާތީއެވެ. ކުރާނެކަމެއްކުރަން އުޅޭނެގޮތަކަށް އުޅެފައި ކޮންމެ ދެތިންމަހުން އެއްމަހު ކެޔޮކާން އެދާދިއުމުގައެވެ. ލަންކާ، އިންޑިއާ، މެލޭސިއާ، ސިންގަޕޫރު، ނުވަތަ ތައިލެންޑުގައި މީގެކުރިން އާއްމުކޮށް ކައިއުޅުނު ކެޔޮކެއުން މިހާރު މަޑުމަޑުން ޔޫކޭ، ޔޫއެސް، ކެނެޑާ އަދި އިޒުރޭލް ފަދަ ކެޔޮވައް ފަލަ ، ދޮން ، ރީތި ހިސާބުތަކަށް ގޮސް ކާންފަށައިފިއެވެ. ކޭވަރު އެނގޭނީ ބިތުފަންގެ ނަގައިގެން ކަމުގައި ވަނީވިއްޔާ ދެން މިހާރު ޖެހޭނީ ނުބެލޭނެކަމަށް ސްޓްރީމް ކޯޓުން ހުކުމެއް ކުރުވައި އެކަން ގަބޫލުކޮށްގެން ހަނު ތިބޭށެވެ.
ވަޅުގައި އޮންނަ ބޮއް ފެންބޯވަރެއްނޭނގޭނެއޭ އޭރު ބުނެފައި ވެއެވެ. އެއީ އެއްގޮތެއްގައި އަދިވެސް ހަމަ ވަރަށް ބޮޑު ތެދެކެވެ. އެ ބޮއް އޮންނަނީ ފެންގަނޑުގެތެރޭގައި އަބަދުވެސް އަނގައިގާ ފެންތައް ޖެހޭގޮތައް އެހާ ފެނާއި ކައިރީގައެވެ. ބޭނުންވީމާ ބޭނުންވަރަކަށް ބޮއިހެދޭގޮތަށެވެ. ބޮއް ވަޅުގެ އަޑީގައި އޮންނައިރު މަތީ ގައި ހުންނަ މީހާއަކަށް އެބޮއް ފެންބޯވަރެއް ހަމަ ނޭނގޭނެއެވެ. އެކަމަކު އެއީ އޭރު އެވެ.
މި ބުނުމަކީ ވެސް ފައިސާ ގެންގުޅޭމީހުންނަށް ނިސްބަތްކޮށް މިހާރު އިންސާނުންގެ ތެރެއަށް ގެނެސް ފައްތާ ބޭނުންކުރާ ބުނުމެކެވެ. ކުންފުންޏެއްގައިނަމަ ޚަޒާންދާރު، ފިހާރައެއްގައިނަމަ ސޭޓު، އަދި ސަރުކާރެއް ގައި ނަމަ ބާރުވެރިޔާ އަށް އެގޮތަށް ފައިސާ ބޭނުންކުރެވިދާނެ ވާހަކަ ބުނެލަން މިޖުމްލަ ބޭނުންކުރެއެވެ. މިހާރު އެކަމަކު މިއީ ރަނގަޅު ޖުމްލައެއް ނޫނެވެ. މިގޮތަށްބޭނުންކުރަން މިހާރު މިޒަމާނަކަށް ކަމަކުނުދެއެވެ. އެއީ މިއަދު ކަންކަން ބަދަލުވެ ކުރިއަރާފައިވާތީއެވެ. ވަޅުގައި އޮންނަބޮއް ވެސް ނަގައި މީޓަރުއަޅާލައިގެންނާއި ތަފާތު ޓެސްޓުތައް ހަދައިގެން އޭތިބުއީ ކިހާފެނެއްކަން މިހާރު ބެލޭނެއެވެ. ހަމައެހެން ޚަޒާންދާރު ނުވަތަ ފިނޭންސް ވެރިޔާ ދަމާގެނެސް އަރާއަޅައި މުންޑާންޖަހާލާފައި ކުޑަގޮޅީގައި ދެތިންދުވަހަކު ބާއްވާލަނިކޮށް ފައިސާގައި ޖެހުނު ވަރު ކިޔާދޭނެކަން ޔަގީނެވެ. އެކަމަކު އެހެންވާނީ ބޮއްވެސް ވަޅުންނަގައި މީޓަރުއަޅައި ހަދައިގެންނެވެ. އަދި ސޭޓު ނުވަތަ ވެރިޔާ ވެސް ގެނެސް ފައިސާތައް ހޯދަން އުޅުނިއްޔާއެވެ.
މިކަހަލަ އަނެއްވާހަކަ އެކީ ތިމާއަށް އެނގޭވަރެވެ. އަނެކަކާއި ދިމާލަށް ބުނެއަންގާ އެންގުންތަކެވެ. އެއީ ކޮންމެ މީހަކަށްވިޔަސް ފަރުވާލެއް ނެތެވެ. ބުނެލަނީއެވެ. މިނިވަންކަމޯލައެވެ. ކުންފުނީގެ އަނެއް ހިއްސާދާރުގާތުގައި ވަޒީފާދޫކޮށްފައި ދާށޭ އެބަބުނެއެވެ. ހިއްސާދާރަކަށް ކުފޫހަމައެއްނުވެއޭ ގޮވައެވެ. ޓީވީ އަކުން އެކަކު ބުނެލިތަންފެނުނީ އިސްލާމިކު މިނިސްޓަރު ހަމަ މިހާރު އިސްތިއުފާ ދެއްވުމަށްފަހު ގެއަށްވަޑައިގަންނާވާށޭ އެވެ. އަޖައިބުވެ އަންތަރީސްވިއެވެ. މިނިސްޓަރުންނަކީ ކޮންބައެއް ބާއެވެ. އެމިނިސްޓަރުން ވެސް ވަޒީފާގައި އެތިއްބަވަނީ ހިލެއަކު ނޫނެވެ. އެމީހަކު ބުނެލިގޮތަށް އެމިނިސްޓަރު ވަޒީފާ ދޫކޮށްލައްވާފައި ވަޑައިގަތީމާ އެގޭގެ ޚަރަދު އެމީހާ ބަލަހައްޓާދޭނެހެއްޔެވެ. ނުދޭނެއެވެ. ނުވެސް ދެވޭނެއެވެ.
މިސާލެއްގެ ގޮތުން ލަފާކޮށްލަމާ ހިނގާށެވެ. ފެންބިލު 3 ހާސް، ކަރަންޓު 5 ހާސް، ބޯފެނަށް 2 ހާސް، ފަރިއްކޮޅަށް 15 ހާސް، އަނބިކަނބަލުންނަށް 10 ހާސް، ކާރު ސައިކަލުގެ ޕެޓުރޯލަށް 2 ހާސް، ނޯކަރު ޑުރައިވަރުން ނަށް 8 ހާސް، އިސްކޫލުޚަރަދު 2 ހާސް، އެހެނިހެން ޚަރަދަށް 15 ހާސް، ކަމަށްބެލިއަސް މިހާރުވެސް 62 ހާސް ރުފިޔާ ހޭދަވީއެވެ. ވުމާއި އެކު އެގޮތަށް އެމިނިސްޓަރު އިސްތިއުފާ ދެއްވަން ބުނެ އެންގި މީހާ ހަމަގައިމުވެސް މިއަދަދަކަށް ފައިސާއެއް ނުދޭނެއެވެ. އެކަމަކު ހަމަ އަޑަށް ބާރުލާފައި މިނިސްޓަރު ކަންތައްކުރައްވަންވީ ގޮތްވެސް އެނގިގެން އެކިޔާދިނީއެވެ. ދިރިއުޅުމުގެ މިއަދު އެފަދަ މަގާމެއް މީހަކު ހަމަ ބުނެލާއިރަށް ދޫކޮށްލާ ހެދޭނީކިހިނެއް ހެއްޔެވެ. ނުވާނެއެވެ. މިނިވަންކަމަކާ ނުވެސް ބެހެވޭނެ އެވެ. މިއީ މިއަދެވެ. މިއީ މިއަދުގެ މިދުނިޔެ އެވެ. މަހަދާނެ ގޮތަކާ މަދާނެ މިސްރާބު އެނގޭނީ ހަމަ މަށަށެވެ. ބަޔަކު ނުވަތަ މީހަކު ބުނެލާއިރަށް އަތުޖެހޭހިސާބުގައި ލިބިފައި އޮތް އެތަކެއްމިލިއަން ރުފިޔާ ނުވަތަ އަގުނުކުރެވޭފަދަ އުފާތަކާއި އަރާމު ދޫކޮށްލާނީ މޮޔައިން ނޫން އެހެން ކޮންބައެއް ހެއްޔެވެ. ތިމާ ތިމާއާއިގެން އުޅޭށެވެ. އަނެކާގެ މިނިވަންކަމާއެކު އޭނާއަށް ލިބޭ 800 ނުވަތަ 18 މިލިއަން ރުފިޔާ ގެވާހަކަ ނުދައްކާ ހަނު ތިބެން އެއްމެންވެސް ވީ ދަސްކުރާށެވެ.
ކޮންމެއަކަސް މިއޮތީ މިއަދެވެ. މިއީ އިއްޔެއެއްނޫނެވެ. ބަދަލުކުރުމާއި ބަދަލުވުމުގެ ފެށުންނިމި މިހާރު އެކަންކަމުގެ މެދާއި ހަމައަށް މިއޮތީ އައުދެވިފައެވެ. ދެންޖެހޭނީ ބަދަލުގައި ހިފާށެވެ. ކެޔޮކޭވަރާއި ފެންބުއި ވަރު ވެސް ހޯދޭނީ އެކަންގަބޫލުކޮށްގެންނެވެ. އެހެންނޫނީ ބެލެވޭނީ އަނގައޮތީތީ ގުދޯ ގުދޯ ގޮވަނީކަމަށެވެ. މިހާރު މި ޒަމާނަކު ގުދޯ ގުދޯ އަކުން ކުރާނެ އަސަރެއް ނޯންނާނެއެވެ. ތެދަކީ މިއީ އެވެ.