19:00


ގުއަންޓަނާމޯބޭ ޖަލުން ބަޔަކު ރާއްޖެ ގެނައުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގައި، ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރާ ދެމެދު ބަދަލުކޮށްފައިވާ ސިއްރު ލިޔުންތައް، އެ މައްސަލަ ދިރާސާކުރި ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ ރިޕޯޓްގައި ހިމެނުމާ މެދު ޑީއާރުޕީ އާއި އެމްޑީޕީއާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަކަށްފަހު، ރިޕޯޓްގައި އެ ލިޔުންތައް ހިމެނުމަށް ކޮމިޓީން ނިންމައިފި އެވެ.


ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މިއަދުގެ ބައްދަލުވުމަށްފަހު، އެ ކޮމިޓީގެ މިގައްރިރުގެ ނާއިބް، ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ، މިއަދު ކޮމިޓީން އެގޮތަށް ނިންމީ، ގުއަންޓަނާމޯ ބޭ ޖަލުން މީހުން ގެނައުމާ ގުޅޭ ގޮތުން ދެ ސަރުކާރުން ބަދަލުކޮށްފައިވާ ސިއްރު ޑޮކިއުމަންޓްތައް އާންމު ނުކުރުމަށް އެދި ޑީއާރުޕީގެ ފަރާތުން އަލީ ވަހީދު އެ ކޮމެޓީ އަށް ހުށަހެޅުއްވި ހުށަހެޅުން އަނބުރާ ގެންދިއުމުން ކަމަށެވެ. އަދި އެ ހުށަހެޅުން އަނބުރާ ގެންދެވީ އެކަމުގައި އެމްޑީޕީން ދޫ ނުދިނުމުން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.


އަލީ ވަހީދު އަދި ވިދާޅުވީ، ދައުލަތުގެ ސިއްރު ހިފެހެއްޓުމަކީ އެމްޑީޕީގެ ކަމަކަށް ވާންޖެހޭނެ ކަމަށެވެ. ނަމަވެސް މިކަމުން ދައްކައިދެނީ ދައުލަތުގެ ސިއްރު ހިފެހެއްޓުމުގައި ވެސް އެމްޑީޕީގެ މިންގަނޑެއް ނެތްކަން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަދި އަންނަ ހަފްތާގައި ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހެޅިގެންދާއިރު އެ ސިއްރު ލިޔުންތައް މެންބަރުންނަށްދީ ހާމަކުރެވޭނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.