ޓެލްއަވީވް (30 މާޗް 2020): އިސްރާއީލުގެ ބޮޑުވަޒީރު ބެމްޖަމިން ނަތަންޔާހޫގެ މުސްތަޝާރާ ރުބެކާ ބޮލްވޮޝް ކޮރޯނާ ވައިރަސް "ކޮވިޑް-19" އަށް ޕޮޒިޓިވްވިކަން ކަށަވަރުވުމާ ގުޅިގެން ނަތަންޔާހޫ ކަރަންޓީނުގައި ހުންނަން ޖެހިއްޖެއެވެ.

ނަތަންޔާހޫގެ އޮފީހުން ބުނީ ރުބެކާ ބޮލްވޮޝް "ކޮވިޑް-19" އަށް ޕޮޒިޓިވްވިކަން ޓެސްޓްތަކުން ކަށަވަރުވުމާ ގުޅިގެން ނަތަންޔާހޫ އާއި އޭނާގެ މުޅި ޓީމު ކަރަންޓީނަށް ގޮސްފައިވާ ކަމުގައެވެ.

ނަތަންޔާހޫގެ ޓީމުގައި އޭނާގެ ބައެއް ވަޒީރުންގެ އިތުރުން މުސްތަޝާރުންނާއި އޭނާގެ އޮފީހުގެ ބައެއް އިސްވެރިން ހިމެނެއެވެ. އެހުރިހާ ބޭފުޅުން ކަރަންޓީނުގައި ތިއްބަވަނީ ޑޮކްޓަރުންގެ ބެލުމުގެ ދަށުން އެބޭފުޅުންގެ ގެތަކުގައި ކަމަށާ ނަތަންޔަހޫއާއި އޭނާގެ ޓީމުގެ ބޭފުޅުން ކޮރޯނާ ވައިރަސް އަށް ޓެސްޓް ކުރުމުގެ ކަންތައް އެއްފަހަރަށްވުރެ ގިނަފަހަރު ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއް ބުނެއެވެ.

އިސްރާއީލުގެ ނޫސްތައް ބުނާގޮތުން އަންހެން ބޭފުޅެއްކަމަށްވާ ރުބެކާ ބޮލްވޮޝްއަކީ ޔަހޫދީ ދީނުގެ ކަންތައްތަކާ އަދި ޔަހޫދީންގެތެރޭގައި އުޅޭ ދީނީ ކަންކަމަށް އިސްކަންދޭ މީހުންގެ ކަންތަކުގައި ނަތަންޔާހޫ އަށް ލަފާދެއްވާ އަންހެން މުސްތަޝާރެކެވެ. ބޮލްވޮޝް އަކީވެސް ޔަހޫދިއްޔަތު ކުރިޔަށްނެރެ ޔަހޫދިއްޔަތަށް ބޮޑު އިސްކަމެއް ދެއްވާ ބޭކަނބަލެއްކަމަށްވެއެވެ. ރުބެކާ "ކޮވިޑް-19" އަށް ޓެސްޓްކުރީ އެރޯގާގެ ބައެއް އަލާމާތްތައް އޭނާގެ ހަށިގަނޑުން ފެނުމާގުޅިގެންނެވެ.

ރުބެކާއަކީ ނަތަންޔާހޫގެ ޓީމާއެކު މަސައްކަތްކުރައްވާ ބޭކަނބަލަކަށްވާތީ ފާއިތުވި ހައެއްކަ ދުވަހު އޭނާ އުޅެފައިވަނީ ނަތަންޔާހޫއާ ވަރަށް ގާތުގައެވެ. އަދި އިސްރާއީލުގައި ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށްޓަކައި އިދިކޮޅު ފަރާތްތަކާ ގުޅިގެން ބުރަ މަސައްކަތްތަކެއް ކުރާ ދުވަސްވަރަކަށްވާތީ ނަތަންޔާހޫގެ ސަރުކާރުގެ ގިނަ އަދަދެއްގެ ވަޒީރުންނާވެސް އެކީ ރުބެކާ އުޅުއްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ރުބެކާގެ ހާލު ގޯސް ނޫންކަމަށްވެއެވެ.

އިސްރާއީލުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދުވަނީ 4347 އަށް އަރާފައެވެ. މިއަދުވެސް އިސްރާއީލުގައި 100 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި މިހާތަނަށް އެރޯގާ ޖެހިގެން އިސްރާއީލުގައި 16 މީހުން މަރުވެފައިވެއެވެ. އިސްރާއީލަކީ ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރިފައިވާކަމަށް ޝައްކު ކުރެވޭގައުމެކެވެ. ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ގިނަ ކަމަށް ނުދައްކަނީ ގިނަބަޔަކު އެ ރޯގާއަށް ޓެސްޓް ނުކުރެވޭތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދުނިޔެއަށް ބަލާއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 739 ހާހަށް (ހަތްލައްކަ ތިރީސް ނުވަ ހާހަށް) ވުރެ މައްޗަށް ގޮސްފައެވެ. މީގެތެރެއިން 35 ހާހަށްވުރެ ގިނަމީހުން މަރުވެފައިވާއިރު 156 ހާހަށްވުރެ ގިނަމީހުންނަށް ޝިފާލިބި ރަނގަނޅުވެފައިވެއެވެ.

ކޮވިޑް-19 އެންމެ ބާރަށް ފެތުރެމުންދަނީ އެމެރިކާގައެވެ. އަދި އެ ރޯގާއަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދުވެސް އެންމެ ގިނައީ އެމެރިކާގައެވެ. އެމެރިކާއަށްފަހު އެ ރޯގާ އެންމެ ބޮޑަށް ފެތުރެމުންދަނީ އިޓަލީ، ސްޕޭން، ޖަރުމަނުވިލާތް އަދި އީރާން ގައެވެ. އެ ރޯގާ ދުނިޔޭގެ އެތަށް ގައުމެއްގެ އިސް މަސްއޫލުވެރިންނަށް ޖެހިފައިވެއެވެ.

އޭގެތެރޭގައި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި އެގައުމުގެ ވަލީއުލްއަހްދު ޕްރިންސް ޗާލްސް އާއި އީރާނުގެ ނައިބު ރައީސަކާއި ފަރަންސޭސިވިލާތުގެ ވަޒީރަކާއި އެމެރިކާގެ ކޮންގްރެސްގެ ބައެއް މެންބަރުން ހިމެނިވަޑައިގަންނަވައެވެ. ޖަރުމަނުގެ ކުރީގެ ވަޒީރަކު ކޮވިޑް-19 ޖެހިގެން މިހަފްތާގައި އަވަހާރަވެފައިވެސް ވެއެވެ. (ނޫސްއެޖެންސީތައް)