އިސްލާމް އާބާދު (ޑިސެމްބަރ 15) : ސްޓްރޯކެއް ޖެހުމުގެ ސަބަބުން ދުބާއިގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީ މިއަދު ހޮސްޕިޓަލުން ނުކުމެ ވަޑައިގަންނަވާނެ ކަމަށާއި އޭނާގެ ސިއްޙަތު މިހާރު އާދައިގެ ޙާލަތަކަށް އައިސްފިކަމަށް ޒަރުދާރީގެ އޮފީހުން ބުނެފިއެވެ.

ޒަރުދާރީގެ ޕާސަނަލް ޑޮކްޓަރ ޚަލްދޫން ތާހާ އާ ޙަވާލާދީ ޒަރުދާރީގެ އޮފީހުން ބުނިގޮތުގައި ހޮސްޕިޓަލުން ނުކުމެ ވަޑައިގަތުމަށްފަހުވެސް ރެގިއުލަރކޮށް ދިގުމުއްދަތަކަށް ހިތުގެ ބޭސް ފަރިއްކުޅުއްވަން ޒަރުދާރީއަށް ޖެހިވަޑައިގަންނަވާނެއެވެ.
މީގެ ދެހަފްތާއެއްހާ ދުވަސްކުރިން ޒަރުދާރީއަށް ޖެހިވަޑައިގަތީ ސިކުނޑީގެ ލުއި ސްޓްރޯކެއް ކަމަށާއި ހޮސްޕިޓަލަށް ގެންދެވުނުއިރު ވާތުފަޅި ވާގިނެތުމުގެ އިތުރުން ހިނދުކޮޅަކަށް ހޭފުޅުވެސް ނެތުނު ކަމަށް އޭނާގެ އޮފީހުން ބުނެއެވެ. ސިކުނޑީގެ ސްޓްރޯކްގެ އިތުރުން އެވަގުތު ހިތްޕުޅުގެ މައްސަލައެއްވެސް ޒަރުދާރީއަށް ކުރިމަތިވެ ވަޑައިގެންނެވި ކަމަށް ވެއެވެ. ނަމަވެސް ސިކުނޑީގެ ސްޓްރޯކްގެ ސަބަބުން އުމުރުން 56 އަހަރުގެ ޒަރުދާރީގެ ސިނކުޑީގެ ސެލްތައް ހަލާކުނުވާތީ ދާއިމީ ގޮތަކަށް ޕެރަލައިޒް ވުމުގެ މައްސަލަ އޭނާއަށް ކުރިމަތިވެ ވަޑައިނުގަންނަވާ ކަމަށް އޭނާގެ ޑޮކްޓަރ ވިދާޅުވިއެވެ.

ޒަރުދާރީ ހޮސްޕިޓަލުގައި އެނދުމަތި ކުރުމާއެކު، ޒަރުދާރީ މަޤާމުން އިސްތިއުފާ ދެއްވަން ގަސްދުކުރައްވާ ވާހަކައާއި ސިފައިން ޢަސްކަރީ އިންޤިލާބެއް ގެނަސް އޭނާގެ ވެރިކަން ވައްޓާލަން ރާވާކަމުގެ ޚަބަރުތަކެއްވަނީ ފެތުރިފައެވެ. ނަމަވެސް ޕާކިސްތާނުގެ ދާޚިލީ ވަޒީރު ރަޙްމާން މާލިކްވަނީ މިޚަބަރުތައް ދޮގުކުރައްވާފައެވެ.

ހޮސްޕިޓަލުން ނުކުމެ ވަޑައިގަތުމަށްފަހު އަރާމުކުރެއްވުމަށް މަދުވެގެން ދެހަފްތާ ޒަރުދާރީ ހޭދަކުރައްވާނެ ކަމަށް އޭނާގެ ޑޮކްޓަރ ވިދާޅުވިއެވެ. ޒަރުދާރީގެ ވެރިކަމުގައި ޕާކިސްތާން އިޤްތިސާދީ ގޮތުން ދަށުދަރަޖައަކަށް ވެއްޓިފައި ވުމުގެ އިތުރުން ޕާކިސްތާނުގެ ސިފައިންގެ ދައުރުކުޑަވާގޮތަށް ޕާކިސްތާނުގެ ބިމުގައި ޢަސްކަރީ އޮޕަރޭޝަންތައް ހިންގުމުގެ ފުރްސަތު އެމެރިކާއަށް ދިނުމުގައި އެމެރިކާގެ ކިބައިން ރިޝްވަތު ހިއްޕަވާފައިވާ ކަމުގެ ތުހުމަތުތަކާ ގުޅިގެން އޭނާގެ މަޤްބޫލުކަން ރައްޔިތުންގެ މެދުގައިވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ޒަރުދާރީއަކީ ފަސާދައާއި ރިޝްވަތުގެ މައްސަލާގައި އެތަށް އަހަރެއްގެ ޖަލުގެ އަދަބެއް ލިބިވަޑައިގެންފައިވާ ވިޔަފާރިވެރިއެކެވެ. (ނޫސްއެޖެންސީތައް)