ރާއްޖެއަށް މުދާ އެތެރެ ކުރާ ފަރާތްތައް، އިމްޕޯޓަރުންގެ އަތުން ނަގާ ބައެއް ފީތައް ކުޑަކޮށް، އެހެން ވެސް އިނާޔަތްތައް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ނިންމައިފި އެވެ.

ކޮރޯނާވައިރަސް ރެސްޕޮންސް ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވީ، ރާއްޖެއަށް މުދާ އިމްޕޯޓް ކުރާ ފަރާތްތަކަށް ލުއިތަކެއް ދިނުމަށް އެމްޕީއެލްއިން މިހާރު ނިންމާފައިވާ ކަމަށެވެ.

އެމްޕީއެލްއާ ހަވާލާދެއްވާ މަބުރޫކް ވިދާޅުވީ، މިހާރު ނިންމާފައި ވަނީ މުދާ ކުލެއާ ނުކުރެވިގެން އަރާ ޖޫރިމަނާ، ޑެމަރޭޖް ފީ މާލެ-ހުޅުމާލެ ޕޯޓުން 20 ޕަސެންޓް ކުޑަކުރުމަށް ކަމަށެވެ. އަދި ކުޅުދުއްފުށި، ހިތަދޫ ޕޯޓުން ނަގާ ޑެމަރޭޖް ފީ 50 ޕަސެންޓް ކުޑަކުރުމަށް ނިންމާފައިވާ ކަމަށް ވެސް މަބުރޫކް ވިދާޅުވި އެވެ.

މީގެ އިތުރުން، އެމްޕީއެލްގެ ވެއާހައުސްގައި ހިލޭ މުދާ ބެހެއްޓޭނެ މުއްދަތު ދެ ދުވަހަށް ބެހެއްޓޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް މަބުރޫކް ވިދާޅުވި އެވެ.

މަބުރޫކް އަދި ވިދާޅުވީ، މީގެ އިތުރުން އެއާޕޯޓް ބޮންޑެޑް ވެއާހައުސްގެ ކުލި 50 ޕަސެންޓް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ،