ވިއެނާ (ޑިސެމްބަރ 15) : ހިލަފަރުބަދައެއްގެ އަޑީގައި އީރާނުން ނިއުކްލިޔަރ ޙައްސާސީ ލެބޯޓްރީއެއް ޤާއިމް ކުރުމުގެ ތައްޔާރީތަކެއް ވަމުންދާ ކަމަށް ހުޅަނގުގެ ޑިޕްލޮމެޓިކް ދާއިރާތަކުން ބުނެފިއެވެ.

ހުޅަނގުގެ ޑިޕްލޮމެޓިކް ދާއިރާތަކާ ޙަވާލާދީ އޮސްޓްރިޔާގެ ވެރިރަށް ވިއެނާގައި އިއްޔެ ޝާއިޢުކުރި ރިޕޯޓެއް ބުނާގޮތުން ހިލަފަރުބަދައެއްގެ އަޑީގައި އީރާނުން ބިނާކުރަނީ ނިއުކްލިޔަރ ބޮމެއް އުފެއްދޭ މިންވަރަށް ޔޫރޭނިޔަމް ފައްކާކުރުމަށް ޚާއްސަ ނިއުކްލިޔަރ ސެންޓްރިފިއުޖް ލެބޯޓްރީއެކެވެ.

މިލެބޯޓްރީގެ މަސައްކަތް ފެށުމަށް ބޭނުންވާ ނިއުކްލިޔަރ އާލާތްތައް އީރާނުގެ ފަރުބަދަމަތީ ސަރަޙައްދެއް ކަމަށްވާ ފޯރުދޯ އަށް ގެންގޮސްފައިވާ ކަމަށާއި ލެބޯޓްރީ ޤާއިމްކުރާ ބިންގަރާސް ފަރުބަދައެއްގެ ބިމުގެ އަޑިން އެތަށް ކިލޯމީޓަރެއްގެ ފުނުގައި ކުރިން ކޮނެފައިވާ ކަމަށްވެސް މި ރިޕޯޓް ބުނެއެވެ.

ނިއުކްލިޔަރ މައްސަލާގައި އީރާނާ ދެކޮޅަށް އެމެެރިކާއާއި ޔޫރަޕުން ތަފާތު ތުހުމަތުތައް ކުރަމުން ގެންދާ މިދުވަސްވަރުގައި ހުޅަނގުގެ ޑިޕްލޮމެޓިކް ދާއިރާއިން ފެތުރި މިޚަބަރުތަކަކީ ކިހާވަރެއްގެ ސައްޙަ ޚަބަރުތަކެއްކަމާމެދުވަނީ ސުވާލު އުފެދިފައެވެ.

ޢިރާޤުގައި ފަނާކުރަނިވި ހަތިޔާރުހުރިކަމަށްބުނެ އެމެރިކާއާއި އިނގިރޭސިވިލާތުން ދޮގުތައް ހަދަމުން ގެންދިޔަ ދުވަސްވަރުވެސް އެކަމަށް ބާރުލިބޭގޮތަށް ހުޅަނގުގެ ޑިޕްލޮމެޓިކް ދާއިރާތަކުންނާއި ހުޅަނގުގެ ޚަބަރުފަތުރާ ވަސީލަތްތަކުން އެކިބާވަތުގެ ޚަބަރުތައް ފަތުރާފައިވެއެވެ. ނަމަވެސް އެއިން އެއްވެސް ޚަބަރެއްގެ މަޢްލޫމާތު ހޯދި މަސްދަރެއް ހާމަކޮށްފައެއް ނުވެއެވެ.

"ފައުންޑޭޝަން ފޯރ ދަ ސްޓޮކްހޮމް އިންޓަރނޭޝަނަލް ޕީސް ރީސާޗް" ބުނާގޮތުން އީރާނުގެ ލީޑަރޝިޕުން ބޭނުންވެއްޖެނަމަ 3 ހަފްތާތެރޭގައި ނިއުކްލިޔަރ ބޮމެއް އުފެއްދުމުގެ ޤާބިލްކަން އީރާނަށް މިހާރު ލިބިގެންވެއެވެ. ނިއުކްލިޔަރ ބޮން އުފެއްދުމަށް ބޭނުންވާ މިންވަރަށް ޔޫރޭނިޔަމް ފައްކާކުރާ ނިއުކްލިޔަރ ސެންޓްރިފިއުޖްގެ ހައިޓެކް މެޝިންތަކަކީ އީރާން އަމިއްލައަށް މިހާރު އުފައްދާ މެޝިންތަކެއް ކަމަށްވެސް އެ ފައުންޑޭޝަންގެ ފަރާތުން ވާހަކަ ދެއްކި ޝަނޫން ކެއިލް ވިދާޅުވިއެވެ.

އީރާނުގެ ޙާއްސާސީ ނިއުކްލިޔަރ ލެބޯޓްރީތަކަށް ދުޝްމަނުންގެ ޙަމަލާއެއް ކުރިމަތިވެދާނެކަމުގެ ބިރުހީވެއްޖެނަމަ އެލެބޯޓްރީތައް ނިއުކްލިޔަރ ބޮމުންވެސް ހަލާކުކޮށްނުލެވޭނެ ފަދަ ރައްކާތެރި ތަންތަނަށް ގެންދާނެ ކަމަށް އީރާނުގެ އިސްމަސްއޫލުވެރިއަކުވަނީ ވިދާޅުވެފައެވެ. ނަމަވެސް މިކަމާބެހޭ އެއްވެސް ތަފްސީލެއް އޭނާ ނުދެއްވައެވެ. (ރޮއިޓާސް+ޔޫ.ޕީ.އައި)