ބޮޑު މުޒާހަރާ އަށް ހުރަސް އަޅަން ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖެއިން ބޭރުގައިތިބި ސަރުކާރުގެ ވާގިވެރިންގެ އެހީ ކެނޑި 2013 ގެ އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަން ޔަގީންވެގެން ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބޮޑު މުޒާހަރާގެ ތީމް މަދަހަ "އިސް ނަގާ ހިނގާ ދާން" ލޯންޗް ކުރަން މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ އިސްލާމް ދީނާއި ދެކޮޅަށް ހިންގާ ހުރިހާ ހަރަކާތެއްގައި ދިވެހި ރައްޔިތުން ބައިވެރިވެ، ފާޅުގަ އިސްލާމް ދީން ދޫކޮށްފަ ދާން ތައްޔާރަށް ތިބިކަމަށް ބުނެ، ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ވާގިވެރި ބޭރުގެ ފަރާތްތަކަށް ވައުދު ވެފައިވާ ކަމަށެވެ.

ދިވެހި ރައްޔިތުން އިސްލާމް ދީނުގައި ތިބެން ބޭނުން ނުވާކަމަށް ވެސް ސަރުކާރުން ބޭރުގެ ވާގިވެރިންނަށް ޔަގީންކަން ދީފައިވާ ކަމަށާއި ބޮޑު މުޒާހަރާ ކުރުމުން މި ސަރުކާރުގެ އެ ރޭވުންތައް ނާކާމިޔާބު ވާނެކަން ސަރުކާރަށް ޔަގީން ވާކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

މުޒާހަރާ އާއި ދެކޮޅަށް އެމްޑީޕީން ނުކުންނަނީ 2013 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ސަރުކާރަށް ލިބެން ހުރި ޑޮލަރުތައް ލިބުން ހުއްޓުމަކަށް އައިސް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަން ސައްތައިންސައްތަ ޔަގީންވާތީ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކިތަންމެ ބަޔަކު ސަރުކާރުން ހައްޔަރުކުރިޔަސް އެ މުޒާހަރާ ކުރިޔަށް ގެންދާނެ ކަމަށެވެ. މީގެ ކުރިން ވެސް ދީނަށް ޓަކައި މި ގައުމުގައި ބަޔަކު ޝަހީދު ވެފައިވާ ކަމަށެވެ.

ލިޔުމާ ގުޅޭ ވީޑިއޯ:

http://www.youtube.com/watch?v=nzhmm_0kv4g