ރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ 17 ޑިޕްލޮމެޓިކް މިޝަންގެ އިސް ބޭފުޅުންނާ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރޭގައި ބޭއްވި އެ ބައްދަލުވުމުގައި ރާއްޖެއިން ބޭރުގައި ހުރި ރާއްޖޭގެ ހައިކޮމިޝަންތަކާއި އެމްބަސީތަކުގެ އިތުރުން ޕާމަނެންޓް މިޝަންތައް އަދި ކޮންސިއުލޭޓުގެ އިސްވެރިންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައިވެ އެވެ.

އެ މަޝްވަރާ ބައްދަލުވުމުގައި ޑިޕްލޮމެޓިކް މިޝަންތައް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކާއި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެ އެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސްއާ ގުޅިގެން ރާއްޖެއިން ބޭރުގައި ދަތުރު ނުކުރެވި ތާށިވެފައި ތިބި ދިވެހިންނަށް ފޯރުކޮށްދެވެން އޮތް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓަރު ވަނީ އެ ބައްދަލުވުމުގައި އެދިވަޑައިގެންފަ އެވެ.

ފޮރިން މިނިސްޓްރީއިން ބުނީ ރޭ ޝާހިދު ކޮންފަރެންސް ކޯލް މެދުވެރިކޮށް އެ ހުރިހާ ބޭފުޅުންނާ އެކީ ބައްދަލުކުރެއްވި ނަމަވެސް އެ ފަރާތްތަކާ ކޮންމެ ދުވަހަކު ފޯނުކޯލު މެދުވެރިކޮށް މިނިސްޓަރު ޝާހިދު، އިސްވެރީންނާ ވަކިވަކީން މަޝްވަރާކުރައްވާ ކަމަށެވެ. އަދި އެ ފޯނު ކޯލުތަކުގެ އެހީގައި ރާއްޖެއިން ބޭރުގައި ތިބި ދިވެހީންގެ ހާލު ބަލައި އެ ފަރާތްތަކަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މިނިސްޓަރު ކޮންމެ ދުވަހަކު މައުލޫމާތު ސާފުކުރައްވާ ކަމަށް މިނިސްޓްރީއިން ބުންޏެވެ.