14 Dec 2011, 22:37
"އިސްލާމް ދީނުގެ ހިމާޔަތުގައި ދިވެހީން" މިނަމުގައި މަދަނީ އިއްތިހާދުން އިސް ނަގައިގެން އިދިކޮޅު ސިޔާސީ ޕާޓީތަކާއި ގުޅިގެން ކުރިޔަށް ގެންދާ މުޒާހަރާގެ ވެބްސައިޓް ފަރުމާކުރި ވެބް ޑިވެލޮޕާ، އަލީ އަހުސަން ހައްޔަރުކޮށްފި އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުހުން އެދިގެން ނެރެދިން ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިރޭ ވިދާޅުވީ އަހުސަން ހައްޔަރުކޮށްފައި ވަނީ މިރޭ ކަމަށެވެ. ހައްޔަރުކުރީ ކިތައް ދުވަހަށް ކަމެއް ވިދާޅެއް ނުވެއެވެ.
ރަޖިސްޓްރީކޮށްގެން ހިންގާ އޮންލައިން ނޫހެއް ކަމަށްވާ ދި އިސްލާމްގެ އެގްޒެކެޓިވް އެޑިޓަރު ކަން ވެސް ކުރާ އަހުސަން ރޭ ވެސް ފުލުސް އޮފީހަށް ހާޒިރު ކުރި އެވެ. އަހުސަން ރޭ ބުނީ އޭނާ ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ ވެބްސައިޓް އުފެއްދީ ކާކުތޯ އާއި އެ ވެބްސައިޓް ރަޖިސްޓްރީ ކޮށްފައި ވަނީ ކާކުގެ ނަމުގައިތޯ ކަމަށެވެ. އަދި އޭނާގެ ކޮމްޕިއުޓަރު ހާޑް ޑިސްކް ފުލުހުން ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
ބޮޑު މުޒާހަރާގެ ތީމް މަދަހަ ލޯންޗް ކުރުމަށް މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ހަފްލާގައި މަދަނީ އިއްތިހާދުގެ ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވީ ފުލުހުން އަހުސަން ހައްޔަރުކޮށްފައިވަނީ ފުލުސް އޮފީހަށް ހާޒިރުވުމަށް އެންގި އެނގުމަށް ތަބާވެ ފުލުސް އޮފީހަށް ހާޒިރުވެފައިވަނިކޮށް ކަމަށެވެ.
އަދި ވިދާޅުވީ އޭނާ ދޫނޮކޮށްފިނަމަ އެހެންގޮތަކަށް ވިސްނަން ޖެހިދާނެކަމަށާއި، އޭނާ ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލާކަމަށެވެ.
އާޓިފިޝަލް ބީޗް ސަރަހައްދުގައި ތިބި ބައެއް މީހުން ވަނީ އޭނާ ދޫކޮށްލުމަށް ގޮވާލައި މިރޭ އަޑު އުފުލާފަ އެވެ.