ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދޭން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގޭގައި ތިއްބަވަން ޖެހުނު ނަމަވެސް، ޑިމޮކްރަސީ ގޭބަންދު ނުވާ ކަމަށާއި، އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށްދާނެ ކަމަށް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

އެގޮތުން، އޮންލައިންކޮށް، މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ އޮންނާނީ މިއަދު 11:00 ގައެވެ. އެ ޖަލްސާ މަޖިލީހުގެ ޔޫޓިއުބް ޗެނަލުން ވަގުތުން ދުރަށް ދައްކާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށްޓަކައި މިދިޔަ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވަނީ މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާއެއްގެ ޓެސްޓް ސެޝަންތަކެއް ކުރިއަށް ގެންދަވާފަ އެވެ.

މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ނަޝީިދު އިންޑިއާގެ ޒީ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ދުނިޔޭގެ ހަތަރުބައިކުޅަ އެއްބައި މީހުން މިވަގުތު ތިބީ ގޭބަންދުގައި ނުވަތަ ކޮންމެވެސް އައިސޮލޭޝަނެއްގައި ކަމަށެވެ.

އޭގެ ތެރޭގައި ގާނޫނު ހަދާ ގިނަ ފަރާތްތަކެއް ވެސް ހިމެނޭ ކަމަށާއި، އެހެން ނަމަވެސް މި ދަނޑިވަޅުގައި ދުނިޔޭގެ ގާނޫނު ހަދާ މަޖިލިސްތަކުގައި ރައްޔިތުން ތަމްސީލުކުރުން ހުއްޓުމަކަށް އައިސްގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ޑިމޮކްރަސީގެ އިންސްޓިޓިއުޝަންތަކުގެ މަސައްކަތް މެދުކެނޑިގެން ނުވާނެ. އެއްވެސް ހުއްޓުމެއް ނެތި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އޮންލައިންކޮށް ކުރިއަށްދާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މީހުންގެ ދިރިއުޅުމަށާއި، ތަކެތި އުފައްދާ ގޮތާއި ހިދުމަތްތައް ބޭނުންކުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި، ކިތަންމެ ބޮޑު ކާރިސާއަކުން ވެސް އަރައިގަނެވޭނެކަން ރާއްޖެއިން މީގެ ކުރިން ސާބިތުކޮށްދީފައިިވާނެ ކަމަށެވެ. އަދި މިކަމުން ވެސް ރާއްޖެއަށް އަރައިގަނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލިސްކުރާ ގެއަށް ވަޑައިނުގެންނެވި ނަމަވެސް، ޖަލްސާތަކަށް ހުށެހެޅޭ މައްސަލަތަކާއި ބިލުތަކަށް އޮންލައިންކޮށް ބަހުސްކުރުމާއި، ވޯޓުދިނުމާއި، އަދި ކޮމިޓީތަކުގެ މަސައްކަތާއި މަޖިލީހުގެ އެހެނިހެން މަސައްކަތްތައް ކުރިއަށްދާނެ ކަމަށް މަޖިލީހުން ބުނެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައި ވަނީ ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމާ ގުޅޭގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ މައްސަލަ ކުރިއަށް ގެންދިއުމެވެ.