14 Dec 2011, 21:22
ރާއްޖޭގައި ދިނީ މިނިވަން ކަމަށް ގޮވައިލައި މިދިޔަ ހޮނިހިރު ދުވަހު އާޓިފިޝަލް ބީޗް ސަރަހައްދަށް އެއްވެ ބަޔަކު އަޑު އުފުލި މައްސަލައާ ގުޅިގެން ކުރީގެ ނޫސްވެރިޔާ އަދި ބްލޮގާ އިސްމާއީލް ހިލްއަތު ރަޝީދު (ހިއްތު) މިރޭ ހައްޔަރުކޮށްފި އެވެ.
އޭނާ ހައްޔަރުކުރިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ދުވަހު ނޫސް ހަވީރުގެ ކުރީގެ އެކްޓިން އެޑިޓަރެއްގެ ގޮތުގައި މަސައްކަތްކުރި ގ. ޕާކަރުގޭ ހިލްއަތު ހައްޔަރުކުމާ ގުޅޭ ގޮތުން ފުލުސް ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިރޭ ވިދާޅުވީ ހިލްއަތު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި ވިދާޅުވީ ހައްޔަރުކުރީ ދީނީ މިނިވަންކަމަށް ގޮވާލާ އަޑުއުފުލި މައްސަލަ ފުލުހުން ބެލި ބެލުމުގައި އޭނާ އާ ގުޅުމެއްވާ ކަމަށް ފެނިގެން އެ މައްސަލައިގެ ތަހުގީގަށް ކަމަށެވެ.
"އެ ތަހުގީގުގައި ސުވާލުކުރަން ޖެހޭ މީހުންނާއި ސުވާލުކޮށް އަދި ބަލަން ޖެހޭ ކަންތައްތަކަށް ބެލުމަށް ފަހު އިތުރަށް ތަހުގީގަށް ބޭނުންވާތީ އޭނާ ހައްޔަރުކުރީ،" އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ތުހުމަތަށް މީގެ ކުރިންވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާ ހިލްއަތާ ގުޅޭ ގޮތުން ޝިޔާމު ވިދާޅުވި އެވެ.
ގާތްގަނޑަކަށް 30 މީހުންގެ ގްރޫޕަކުން މިދިޔަ ހޮނިހިރު ދުވަހު މާލޭގެ އާޓިފިޝަލް ބީޗްގައި ދީނީ މިނިވަންކަމަށް އަޑުއުފުލުމުން ބަޔަކު ވަނީ އެ މީހުންނާ ދިމާލަށް އޮއްގާ އުކައި، މާރާމާރީ ހިންގައި ހިލްއަތުގެ ބޯ ވެސް ފަޅާލާފަ އެވެ.
ދީނީ މިނިވަންކަމަށް އަޑުއުފުލުމުން ހިއްލަތު ހައްޔަރު ކުރި އިރު އިސްލާމްދީނަށް ފުރައްސާރަ ކުރާކަމަށް ބުނެ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވެސް (ކޭމް) އިން ވަނީ ހިލްއަތުގެ ބްލޮގް ވެސް ބަންދުކޮށްފަ އެވެ.
ރާއްޖޭގެ ގާނޫނު އަސާސީ ބުނާ ގޮތުން އިސްލާމްދީނާއި ހިލާފު އެއްވެސް ހިޔާލެއް ނުވަތަ ޝުއޫރެއް ފާޅުކުރުމަކީ ވެސް ގާނޫނުން އަދަބު ކަނޑައެޅިގެންވާ ކުށެކެވެ.