14 Dec 2011, 20:59
އައްޑޫ ދަރުބާރުގެ، އީކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހިމެނޭ 67 ހެކްޓަރުގެ ބިން ތަރައްގީކޮށް ހިންގުމަށް އިމިގްރޭޝަން ކޮންޓްރޯލާ އަބްދުﷲ ޝާހިދާއި އެކު ފަސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ސަތޭކަ ފަންސާސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ސާކް ސަމިޓަށް ބިނާކުރި އީސީސީ ބަލަހައްޓާ މަރާމާތުކޮށް އަދި އެ ސަރަހައްދުގައި 100 އެދުގެ ސިޓީ ހޮޓަލެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކާއި އެކު އައްޑޫ ސިޓީ ކައުންސިލުން މިއަދު ވަނީ އީސީސީގައި ޕްރީބިޑް ބައްދަލުވުން ބާއްވާފަ އެވެ.
މިއަދު މެންދުރު ބޭއްވި އެ ބައްދަލުވުމާ ގުޅޭގޮތުން ސިޓީ ކައުންސިލްގެ ޑެޕިއުޓީ ޑިރެކްޓާ މުހަންމަދު ހަލީމް މިރޭ ވިދާޅުވީ އީސީސީ ހިމެނޭ ސަރަހައްދު ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ތިން ކުންފުންޏަކުންނާއި އަމިއްލަ ދެ ފަރާތަކުން ބައްދަލުވުމުގައި ބައިވެރިވެ މައުލޫމާތު ސާފުކުރި ކަމަށެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ކުންފުނިތަކަކީ ސިންގަޕޫރުގެ ޖޭސަން ގްލޯބަލް އާއި ރާއްޖޭގެ ދެ ކުންފުނި، އެމްވީކޭއާއި އަދި ލިކޯ ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑެވެ.
އަމިއްލަ ފަރާތްތަކުގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ އިމިގްރޭޝަން ކޮންޓްރޯލާ ސ. ހިތަދޫ ޒަމާނީގެ އަބްދުﷲ ޝާހިދު އާއި ދަމާސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރެއް ކަމައްވާ ސ. ހުޅުދޫ ކަރަންކާގޭ އަބްދުﷲ ސޯލިހު އެވެ.
ބީލަން ފޮތް ބައްލަވައިގެން އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ ކޮންޓްރޯލާ ޝާހިދާއި ސިންގަޕޫރުގެ ޖޭސަން ގްލޯބަލް އަދި އެމްވީކޭ އިން ކަމަށް ހަލީމް ވިދާޅުވި އެވެ.
ބައްދަލުވުމުގައި މަޝްވަރާ ކުރި މުހިންމު ބައެއް ކަންތަކަކާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ ކުއްޔަށް ދޫކުރާ ބިމުގައި ސިޓީ ހޮޓާ އެޅުމުގެ އިތުރަށް އެހެން ބައެއް ވިޔަފާރިތަށް ކުރުމަށާއި އަދި 67 ހެކްޓަރުގެ ބިމުގެ ތެރެއިން ބީލަން ކާމިޔާބުކުރާ ފަރާތަކުން އެދޭވަރަކަށް ބިން ނެގުމަށް ވެސް މަޝްވަރާކުރެވުނު ކަމަށެވެ. އަދި ވިދާޅުވީ ހޮޓާ އިމާރާތްކުރާނެ ގޮތަކާއި މެދުވެސް ހިޔާލުބަދަލު ކުރެވުނު ކަމަށެވެ.
"އެއީ 100 އެދުގެ ހޮޓަލެއް އަޅަން ބޮޑު ބިމެއް ކަމައްވާތީވެ ވާހަކަ ދެއްކިން އެތާންގައި ހޮޓާ އެޅުމުގެ އިތުރަށް އެބޭފުޅުން ބޭނުން އެހެން ބައެއް ކަންކަން ކުރެވިދާނެ ކަމަށް. އަދި ހޮޓާ ގިނަ ފްލޯތަކަށް އިމާރާތްކުރެވިދާނެ ކަމައްވެސް ވާހަކަދެއްކި. އެވާހަކަތަކަށް ސިޓީ ކައުންސިލުން ދިން ޖަވާބަކީ އިމާރާތްކުރުމުގެ ގާނުނުގެ ތެރެއިން ކޮންމެ ގޮތަކައްވެސް އިމާރާތްކުރެވިދާނޭ،" ހަލީމް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ލިޔުމުން ސާފުކުރަން ބޭނުންވާ ބައެއް ކަންކަން ހުރުމުން އެ މައުލޫމާތު ސާފުކުރުމަށް ޑިސެމްބަރު 20 ވަނަ ދުވަހަށް ކައުންސިލުން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
އީސީސީ ހިންގުމަށް ބިޑް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ ޖެނުއަރީ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ބިޑްތަށް ހުޅުވުންވެސް އޮންނާނީ އެދުވަހު އެވެ.